English Edition
Dhivehi Edition

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ކުރަމުންއައި ބުރަ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި ޙަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ރޭ ރ. ދުވާފަރުގައި ބޭއްވި “ރ. ޓުއަރިޒަމް އެކްސްޕޯ 2022” ގެ އެވޯޑްދިނުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ކާމިޔާބުކަމާއެކު ގެނެސްދެއްވި ފަރާތްތަކުގެ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

ހަމަ އެހެންމެ ފަތުރުވެރިކަމުގެ މިއަދުގެ ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށްގިނަ ބައެއްގެ ބުރަަމަސައްކަތުންކަން ފާހަގަކުރައްވައި އޭގެ ތެރެއިން ވެސް ޚާއްޞަކޮށް ދިވެހި ޒުވާނުން އެމީހުންގެ ޢާއިލާއާ ދުރުގައި ތިބެ މި ދާއިރާގެ ކުރިއެރުމަށް ކުރި ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ޒުވާނުންގެ އެ މަސައްކަތަކީ ފަތުުރުވެރިކަމުގައި މިއަދު މިދެކޭ ކާމިޔާބީ ހޯދައިދިނުމަށް ވީ ޤުުރުބާނީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މިދާއިރާގެ ކާމިޔާބީއަކީ ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމުގައި ވިދާޅުވި އެވެ. އަދި، ޚާއްޞަގޮތެއްގައި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތަކުގައި އެ ދަތިއުނދަގުލުގެ ތެރޭގައި ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

ރ. ޓުއަރިޒަމް އެކްސްޕޯ 2022ގެ އަތްތެރި މަސައްކަތުގެ މައުރަޒުގެ ރަންވަނަ ހާޞިލުކުރި ފަރާތްތަކަށާއި އަތޮޅު ރިސޯޓް އެވޯޑް ޙާސިލުކުރި ދެ ރިސޯޓަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މި ޙަފްލާގައި ރ. އަތޮޅު ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް ވެދުމަަށްއަރުވާފައި ވެއެވެ.