ގދ. އަތޮޅު ގުރުއާން މުބާރާތް 2022ގެ އެއްވަނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު މުހައްމަދު ޝަޔާން ޝިޒާން ހޯދައިފިއެވެ.
ސަތޭކަ ފަންސާސް ތިން ދަރިވަރުން ބައިވެރިވި ގދ. އަތޮޅު ގުރުއާން މުބާރާތް 2022ގެ އެއްވަނަ މުހައްމަދު ޝަޔާން ޝިޒާން ހޯދާފައިވާއިރު، މިމުބާރާތުގެ ދެވަނަ ހޯދާފައިވަނީ ގދ. އަތޮޅު މަދަރުސާގެ ދަރިވަރު އައިޝަތު އަޒާޒާ ބިންތި ލަމްރަތު ޖައުފަރެވެ. ތިންވަނަ ހޯދާފައިވަނީ ގދ. އަތޮޅު މަދުރަސާގެ މަރިޔަމް އަމްނާ މުހައްމަދު ޝަރީފް އަދި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އަލްހާފިޒް އާހިލް މުހައްމަދު ޒާހިރެވެ.
މިމުބާރާތުގެ ހާފިޒްކަމުގެ ބައިން އެއްވަނަ ހޯދާފައިވަނީ ވެސް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އަލްހާފިޒް އާހިލް މުހައްމަދު ޒާހިރެވެ.
މިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވަނީ ގދ. އަތޮޅު މަދަރުސާއެވެ. ނުބަލާ ކިޔެވުމުގެ ބައިން އެއްވަނައަށް ހޮވުނީ އަބޫބަކުރު ސްކޫލެވެ. ދެބައި އެއްކޮށް އެއްވަނަ ހޯދާފައިވަނީ ތިނަދޫ ސްކޫލެވެ.
ގދ. އަތޮޅު ގުރުއާން މުބާރާތް 2022ގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމަށް ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲއެވެ. މި ރަސްމިއްޔާތުގައި އަތޮޅު ރައީސްގެ އަރިހުގައި ނާއިބް ރައީސް އާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގދ. ތިނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ވަކި ރަށެއްގެ ވަކި ބައެއްގެ މުބާރާތެއް ނޫން ކަމަށާއި އަތޮޅުގެ ހުރިހާ ރަށެއްގެ އެންމެން ވާދަކުރަން އޮތް މުބާރާތެއް ކަމަށެވެ. އަދި މިއަށްވުރެ ބޮޑުކޮށް ކުރިއަށްއޮތް މުބާރާތްތަކަށް ހުރިހާ ރަށަކުންވެސް ތައްޔާރުވާންޖެހޭކަން މުހައްމަދު ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
މީގެކުރިން މުޅި އަތޮޅަށް ހުޅުވާލައިގެން 16 މުބާރާތެއް ބާއްވާފައިވާ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބޭއްވި މިމުބާރާތުގައި މިއަހަރު ހުވަދުއަތޮޅުގެ އެކި ކަންކޮޅުތަކުން 153 ކުދިންވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވުމަށް 03 ބޭފުޅަކު ވަނީ ހަރަކާތްތެރިވެފައެވެ.