English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ގޮތުގައި މިއަދު ބީއެމްއެލް ހެކަތަން އިފްތިތާހުކޮށްފި އެވެ.

އަލަށް ތައާރަފްކުރި އިނޮވޭޝަން ލެބް އަށް ބައިވެރިން ހޮވުމަށް މި ހެކަތަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ‘ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް’ ތީމްގެދަށުން ނެވެ. 48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް އަމިއްލަ ފަރުދުންނާއި ޓީމްތަކަށްވެސް ރަޖިސްޓަރ ކުރެވޭނެ އެވެ.

މި ލިންކް މެދުވެރިކޮށް ހެކަތަން އަށް ރަޖިސްޓްރީ ކުރެވޭނެއެވެ. ހެކަތަންއަށް އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 50 ފަރާތަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ . ހެކަތަން ފެށުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރު، 14:00 ގައި ހޮޓެލް ޖެންގަ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލިޖީގެ އެހީގައި ބޭންކިންގ ދާއިރާއަށް ބަދަލު ގެނައުމަށް ފިންޓެކް ކޮމިއުނިޓީ އާއި ޑިވެލޮޕަރުންގެ ފަރާތުން އަބަދުވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުން ކަމަށެވެ. މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިންގ ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީ ވެސް އަމާޒު ކަމަށެވެ.

“ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމްވެގެންދާނެ.” އޭނާ ވިދާޅުވި އެވެ.

މި ހެކަތަންގައި ތިން ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ޚިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގައި ބޭންކުގެ ފަރާތުން ތިރީގައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

  • މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުން
  • ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ
  • ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް

މި ހެކަތަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް https://hackathon.bankofmaldives.com.mv އިން ލިބޭނެއެވެ.