English Edition
Dhivehi Edition

ނިމިގެން ދިޔަ 2021/22 ގެ ފުޓްބޯޅަ ސީޒަނަކީ މެސީއަށް ނާކާމިޔާބު ސީޒަނެކެވެ. ނަމަވެސް ރޮނާލްޑޯއަށް ކާމިޔާބު ސީޒަނެކެވެ. ނިމިގެން ދިޔަ ސީޒަނާއި ޚިލާފަށް މިފަހަރުގެ 2022/23 ގެ ސީޒަން މެސީއަށް ކާމިޔާބެވެ. ރޮނާލްޑޯއަށް ނާކާމިޔާބެވެ.

ގިނަ އަހަރުތަކަށް ފަހު ސްޕެއިންގެ ބާސެލޯނާދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް މެސީ ބަދަލުވީ ނިމިގެން ދިޔަ އަހަރުގައެވެ. އެސީޒަނުގައި މެސީއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއިއެވެ. އެ ސީޒަނުގައި މެސީއަށް ރަނގަޅު ކުޅުމެއް ނުދެއްކުނުތާ މުޅި ސީޒަނުގައި ވެސް ކާމިޔާބު ކުރެވުނީ އެންމެ ހަ ގޯލެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޖުވެންޓަސް ދޫކޮށް މެންޗެސްޓަރ ޔުނައިޓެދަށް ބަދަލުވީ ވެސް ނިމިގެން ދިޔަ 2021/22 ގެ ސީޒަނުގައެވެ. އެއީ ރޮނާލްޑޯއަށް ކާމިޔާބު ސީޒަނެކެވެ. އެ ސީޒަނުގައި ރޮނާލްޑޯއަކީ ޔުނައިޓެޑުގެ އެންމެ މޮޅު ކުޅުންތެރިއާއެވެ. ނިމިގެން ދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާވެސް މެއެވެ. ރޮނާލްޑޯ ވަނީ ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅެދިން 38 މެޗުގައި 24 ގޯލު ޖަހައިދީފައެވެ. ނަމަވެސް މި ފަހަރުގެ އައު ސީޒަނާއި ރޮނާލްޑޯ ކުރިމަތިލީ މާޔޫސްކަމާއި އެކުގައެވެ.

މިފަހަރުގެ އައު ސީޒަން ރޮނާލްޑޯ ފެށީވެސް ބެންޗުންނެވެ. އަދިވެސް އިންނަން ޖެހިފައިވަނީ ބެންޗުގައެވެ. މެޗެއްގައި ކުޅެލަން ލިބެނީ މަދު ފަހަރަކުއެވެ. މެޗް ފިޓްނަސް ގެއްލިފައެވެ. ފޯމު ގެއްލިފައެވެ. މިހާތަނަށް މި ސީޒަނުގައި ޔުނައިޓެޑް ކުޅުނު ގިނަ މެޗުތަކުގައި ރޮނާލްޑޯއަށް ފުރުސަތު ލިބެނީ އެންމެ ފަހު ދިހަ ވަރަކަށް މިނެޓަށެވެ. މިއީ ހަމަ ޔަގީނުންވެސް ރޮނާލްޑޯ ބޭނުންވާނެ ގޮތެއް ނޫނެވެ.

ނިމިގެން ދިޔަ ސީޒަނަށް ފަހު ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ވަރަށް މަސައްކަތް ކުރިއެވެ. ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާތީއެވެ. ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް މެދު ނުކެނޑި ރޮނާލްޑޯއަށް ޗެމްޕިއަންސް ލީގު ކުޅޭ ކުލަބެއް ހޯދަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ޔޫރަޕްގެ އެއްވެސް ކުލަބަކުން ރޮނާލްޑޯ ބޭނުމެއް ނުކުރިއެވެ. އުމުރު ދޮށިވެފައި ދޭންޖެހޭ މުސާރައިގެން ބޮޑުކަމުންނެވެ. އެންމެ ފަހުން ރޮނާލްޑޯއަށް ޖެހުނީ ޔުނައިޓެޑުގައި މަޑުކުރާށެވެ. އެހެން ގޮތެއް ނެތުމުންނެވެ. ރޮނާލްޑޯ މިހާރު ހުރީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. ބެންޗުގައި އިނދެގެން ކުރިމަތިވަމުން އަންނަ ފީފާ ވޯލްޑްކަޕަށް މެޗްފިޓްނަސް ނުލިބިދާނެތީއެވެ. މިއީ ރޮނާލްޑޯއަށް ކުރިމަތިވާނެ އެންމެ ބޮޑު މާޔޫސްކަންކަން ޔަގީނެވެ.

އަންނަ ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ ވިސްނާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 40 އަހަރުވަންދެން ހުއްޓާނުލާ ކުޅުން ކުރިޔަށް ގެންދަން ރޮނާލްޑޯ ބޭނުންވާއިރު، ކެރިއަރުގެ ފަހުބައި އެންމެ ރަނގަޅަށް ގެންދަން ރޮނާލްޑޯ ބޭނުންވާތީއެވެ. ރޮނާލްޑޯ ބޭނުންވަނީ ޔޫރަޕްގެ ކުލަބެކެވެ. ޗެމްޕިއަންސް ލީގު ކުޅޭ ކުލަބެކެވެ. މިކަން ރޮނާލްޑޯއަށް ކާމިޔާބު ވެދާނެ ބާވައެވެ. ރޮނާލްޑޯ ގެންދާނެ ކުލަބެއް ޔޫރަޕުން ވެދާނެބާވައެވެ. މިއީ ރޮނާލްޑޯގެ ސްޕޯތަރުންގެ ހިތްތަކުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ.

ރޮނާލްޑޯއަށް އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވެރިވި އެންމެ ބޮޑު އަޑިގުޑަންގަނޑުން ސަލާމަތް ނުވެވިގެން އުޅޭއިރު، ރޮނާލްޑޯއާއި އެންމެ ވާދަވެރި މެސީ އަންނަނީ ފަތުއަޑުކިޔާފައި ކާމިޔާބީތައް ހޯދަމުންނެވެ. ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކާ ގިނަ ލަނޑުތަކެއް ޖަހަމުންނެވެ. މި ސީޒަނުގައި ޕީއެސްޖީން ހޯދާ ކޮންމެ ކާމިޔާބީއެއްގައި މެސީގެ ދައުރު ބޮޑެވެ. މިހާތަނަށް ކުޅުނު 12 މެޗުގައި 7 ލަނޑު ޖަހާ އަށް އެސިސްޓް ހަދާފައިވެއެވެ. ނަމަވެސް ރޮނާލްޑޯއަށް މިސީޒަނުގައި މިހާތަނަށް ކުޅުމުގެ ފުރުސަތު ލިބުނު އަށް މެޗުގައި ޖެހިފައިވަނީ އެންމެ ގޯލެކެވެ. އެއީ ވެސް ޕެނަލްޓީ ގޯލެކެވެ.

މެސީ ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުން ޕީއެސްޖީން އަންނަނީ މެސީއަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ދިނުމަށް މަޝްވަރާކުރަމުންނެވެ. މި ސީޒަނުގެ ނިޔަލަށް މެސީގެ އެއްބަސްވުން ނިމުމަކަށް އަންނައިރު، ޕީއެސްޖީން ބޭނުންަނީ މެސީ ކުލަބުގައި ބަހައްޓާށެވެ. ނަމަވެސް ޕީއެސްޖީއާއި އެކު އިތުރު އެއްބަސްވުމެއް ހަދަން މެސީ ބޭނުން ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. މެސީގެ ކުރީގެ ކުލަބު ބާސާއިން މެސީ ބޭނުންވެއެވެ. އަންނަ ސީޒަނަށް މެސީ ބާސާއަށް ގެނައުމަށް އެ ކުލަބުން އަންނަނީ ތައްޔާރީތައްވެސް ވަމުންނެވެ. މެސީއަށް ދޭނެ މުސާރައަކާއި އިނާޔަތްތަކެއްވެސް ކަނޑައެޚުމުގެ މަޝަވާރަތައްވެސް ކުރަމުންނެވެ. ނަމަވެސް އަދި މެސީ މިކަމަށް ގޮތެއް ނުނިންމައެވެ.

މެސީ 2022/23 ސީޒަން

ފްރެންޗް ލީގު

ކުޅުނު މެޗުގެ އަދަދު – 9

ޖެހި ގޯލުގެ އަދަދު – 5

އެސިސްޓް – 7

ޗެމްޕިއަންސް ލީގު

ކުޅުނު މެޗުގެ އަދަދު – 2

ގޯލް – 1

އެސިސްޓް – 1

ރޮނާލްޑޯ 2022/823 ސީޒަން

ޕްރިމިއާ ލީގު

ކުޅުނު މެޗުގެ އަދަދު – 6

ޖެހި ގޯލުގެ އަދަދު – 0

އެސިސްޓް – 0

ޔޫރޮޕާ ލީގު

ކުޅުނު މެޗުގެ އަދަދު – 2

ގޯލް – 1

އެސިސްޓް – 0