އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް 8000 އެނދު ގާއިމް ކުރުމަށް މި ސަރުކާރުންވި ވައުދާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ސިލްސިލާގޮތެއްގައި ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މި ގޮތުން މިޢްވާން ވިދާޅުވީ އައްޑޫގައި 8000 އެނދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 5 ޓޫރިޒަމް ޒޯން ތަރައްޤީކުރުމުގެ މަސައްކަތްކުރިއަށް ދާކަމަށެވެ. އިންޑިއާ ސަރުކާރުގެ ކޮމިއުނިޓީ ހައި އިމްޕެކްޓް ޕްރޮޖެކްޓްސް ގެ ތެރެއިން އެ މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރައްވަމުން މިޢްވާން ވިދާޅުވީ އައްޑޫގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ކުރިއަށްދާކަމަށެވެ. އަދި އެއާޕޯޓްތައް ތަރައްޤީކުރުމުން، އިންޓަނޭޝަނަލް އެއާލައިންތަކަށް އެތަނަށް ހިދުމަތް ދެވޭނެ މަގުފަހިވެންދާނެކަމަށް މިޢްވާން ވިދާޅުވިއެވެ.
އިތުރަށް މިޢްވާން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކޮށް ނިމުމުން ބޮޑު ތިލަދުން މަތި ތަރައްގީ ވެގެންދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފަތުރުވެރިކަމަށް 8000 އެނދު ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. ތިލަދުން މަތީގައި 8000 އެނދު ގާއިމް ކުރުމުގެ މަސައްކަތްކުރާނީ ސީދާ ސަރުކާރުން ނޫންކަން ފާހަގަކުރައްވަމުން މިޢްވާން ވިދާޅުވީ އެ މަސައްކަތް ކުރާނީ އިންވެސްޓަރުން ކަމަށެވެ. އަދި ސަރުކާރުން އެ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް މިޢްވާން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިން ފުޅާވެގެން ދިއުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ދަތުރުފަތުރުގެ ނިޒާމުކަން ފާހަގަކުރައްވަމުން މިޢްވާން ވިދާޅުވީ އެ ދަތިތަކާއެކުވެސް އުތުރާއި ދެކުނުގައި ފަތުރުވެރިން ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.