English Edition
Dhivehi Edition

ދިވެހިރާއްޖެގޭ ސިޔާސީ ހާލަތުއޮތްނެތްގޮތް ބެއްލެއްވުމަށްޓަކައި ރާއްޖެ ވަޑައިގެންއުޅުއްވާ ޔޫރަޕިއަން ޕާލަމެންޓް މެންބަރުންގެ ވަފުދު އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ވަފުދު ރާއްޖެ ވަޑައިގެންނެވީ އިއްޔެގައެވެ. އެ ވަފުދުން އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވައިފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ބައްދަލުވުން ބޭއްވީ ހޮޓެލް ޖެންގައެވެ. މި ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުންވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތުހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ބެހޭގޮތުންހުރި ކަންބޮޑުވުންތައްވެސް ހިއްސާ ކުރެއްވިއެވެ. އެ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ޔޫރަޕިއަންޕާލަމެންޓަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންވެސްވަނީ މަޝްވަރާ ކޮށްފައި ކަމަށް ޖޭޕީގެ ޑެޕިޔުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

މަޝްވަރާގައި ބައިވެރިވި ބޭފުޅުން ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން ސިޔާސީ މަޝްރަހަށް އެދެވޭ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ބައްވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަބްދުﷲ ރިޔާޒު، މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު، ޔުމްނާ މައުމޫން، މާރިޔާ އަހުމަދު ދީދީ، އީވާ އަބްދުﷲ، ރޮޒައިނާ އާދަމް، ޝިދާތާ ޝަރީފް ހިމެނި ވަޑައިގެންނެވިއެވެ.