English Edition
Dhivehi Edition

ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗުގައި ހޮންޑިއުރަސް އާއި ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކޮށްފިއެވެ.

ހޮންޑިއުރަސްއާއި ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބުކުރީ 0-3 އިންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެފައިވަނީ އާޖެންޓީނާއިންނެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އާޖެންޓީނާއިން ލަނޑުޖަހާ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ އިންޓަ މިލާނަށް ކުޅެމުން އަންނަ ފޯވާޑް ލަޓާރޯ މާޓިނޭޒްއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ދެވަނަ ލަނޑު ޖަހާ އާޖެންޓީނާއިން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ.

އާޖެންޓީނާގެ ތިން ވަނަ ލަނޑު ވެސް ޖެހީ މެސީއެވެ. އެއީ ދެ ވަނަ ހާފުގެ 69 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑެވެ.

އަންނަ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ގިނަ އެކުވެރިކަމުގެ މެޗުތަކެއް ކުޅެމުން އަންނައިރު، އާޖެންޓީނާއިން ވެސް ދަނީ ވޯލްޑްކަޕަށް ތައްޔާރުވުމަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެމުންނެވެ. އެގޮތުން އެޓީމުން ވޯލްޑް ކަޕްގެ ކުރިން އެކުވެރިކަމުގެ ދެ މެޗު އަދި ކުޅޭނެއެވެ. އެއީ ޖެމެއިކާ އާއި ދެކޮޅަށް ކުޅޭ މެޗާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ދެކޮޅަށް ކުޅޭ މެޗެވެ.

އެކުވެރިކަމުގެ މެޗުގައި އާޖެންޓީނާ އިން މި މަހުގެ 28 ގައި ދެން ނިކުންނާނީ ޖެމެއިކާއާއި ދެކޮޅަށެވެ.