English Edition
Dhivehi Edition

މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް އެހީދޭން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހިންމަފުށީގެ ޢިއްޒަތްތެރި މެމްބަރުންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓުގެ ހާޒިރުގައި އޮނަރަބަލް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްޙަމާދީއެވެ.

އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ރަސްމީކޮށް ފެށުމުގެ ގޮތުން، އުރީދޫއިން މިނިސްޓްރީއާއެކު ވަނީ ކ. ހިންމަފުށީ މަސްޖިދު އިނާރާ ގައި މައުލޫމާތު ބޯޑު ހަރުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދު މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ޙާލިދް އަލް ހަމާދީވިދާޅުވީ އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުތައް ބިނާކޮށް، އެކުންފުނީގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ތަރައްގީއަށް މަގުފަހިކޮށްދިނުމަށްކަމަށެވެ.

“ވަޤްފް ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކަންކަމަށް ފަންޑުކުރުމުގައި އެންމެ ދެމެހެއްޓެނިވި އެއް ވަސީލަތް. ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ތަރައްޤީކުރުމަށް އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ވަޤްފް ފަންޑަށް އަޅުގަނޑުމެންގެ މޯބައިލް މަނީ ޕްލެޓްފޯމް އެމް-ފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ވަޤްފް ކުރެވޭނެ މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ސީއީއޯ ޙާލިދް އަލް ހަމާދީ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙުމަދު ޒާހިރު ޢަލީ ވިދާޅުވީ ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ޞަދާޤާތްކުރަން ބޭނުންފުޅުވާ ވަރަށް ގިނަ ބޭފުޅުން ތިއްބެވުމާއެކު، މިނިސްޓްރީގައި އުފައްދާފައިވާ “މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑު” އަށް ފައިސާ ޖަމާކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް މި މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން އުރީދޫ އެމް ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުޞަތު ހޯދައިދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނޭކަން ޤަބޫލުކުރައްވަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ވަޤުފް ފަންޑަށް ޞަދަގާތް ކުރެއްވުމަށް، މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު އުރީދޫ އެޕްމެދުވެރިކޮށް ކިއުއާރް ކޯޑް ސްކޭން ކުރެއްވުމުން އެމް-ފައިސާ މެދުވެރިކޮށް ޞަދަގާތްކޮށްލެވޭނެއެވެ. މި ޙިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ ކ.ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގައެވެ. އެމް-ފައިސާ މެދުވެރިކޮށް ޞަދަގާތް ކުރުމަށް ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައިވެސް އަދި ކައިރި މުސްތަގުބަލެއްގައި ބަހައްޓާނެކަން އުރީދޫއިން ޔަގީންކޮށްދެ އެވެ.

ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސް އިން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް، ފެށުނީއްސުރެވެސް އެކުންފުނިންދަނީ ފަސޭހަކަމާއި ރައްކާތެރިކާމާއެކު އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފައުންޑޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދެމުންނެވެ. އެގޮތުން އެމް-ފައިސާ މެދުވެރިކޮށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކުގެ ތެރޭގައި ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އާއި ޕީސް ފައުންޑޭޝަން ހިމެނެއެވެ. މިއަދު އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ އެ ކުންފުނިން ކުރާ މިފަދަ މި މަސައްކަތްތަކަށް ކެނޑިނޭޅި އިޚްލާޞްތެރިކަން ދޭކަމުގެ ހެއްކެކެވެ. މިނިސްޓްރީއާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑަށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ ގޮތް ހެދުމަށެވެ.

މިސްކިތްތަކަށް އެހީވާ ވަޤުފް ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަޤްފް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އުފައްދާފައިވާ ފަންޑެކެވެ.