English Edition
Dhivehi Edition
ދާންދޫ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިނ: ފޮޓޯ އެމްޓީސީސީ

ގއ. ދާންދޫ ބިންހިއްކުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ މެދެއްހާހިސާބަށް އެއްކޮށް ނިންމާލެވޭނެކަމަށް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދާންދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހިއްކަންޖެހޭ 25 ހެކްޓަރުގެ ބިން އަންނަ އޮކްޓޯބަރު މަހުގެ މެދެއްހާހިސާބަށް އެއްކޮށް ހިއްކާ ނިމޭނެކަމަށެވެ.

އާޒިމް ވިދާޅުވީރަށަށް ބޭނުންވާ 25 ހެކްޓަރުގެ އިތުރުން އެރަށުގައި ހުރި އިންޖީނުގެ ރަށުގެ މެދުގައި ހުންނާތީ ކައުންސިލުންވަނީ އިންޖީނުގެ ރަށުތެރެއިން ދުރަށްލުމަށް ބޭނުންވާ ބިން ހިއްކައިދިނުމަށް އެދިފައި ކަމަށެވެ.

“އެހެންކަމުން އަޅުގަނޑުމެން އޮކްޓޯބަރު މަހު މަސައްކަތް ނިންމާލާއިރު އިންޖީނުގެ ޤާއިމުކުރަން ބޭނުންވާ ބިންވެސް ހިއްކާ ނިމޭނެ” އާޒިމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ދާންދޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިހާތަނަށްވަނީ 10 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. އަދި ހިއްކި ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ގއ. ދާންދޫއަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމަށް އެރަށުގައި ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ. ދާންދޫ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާ އެސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި 240 މީޓަރުގެ ހުރަސްތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. ދާންދޫ ބިންހިއްކާ އެސަރަޙައްދު ޙިމާޔަތްކުރުމަށް ދައުލަތުގެ ބަޖެޓުން 186.6 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.