English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮބާޓް ލެވަންޑޯސްކީގެ ލަނޑުތަކާއި އެކު މޮޅުވެ ބާސެލޯނާއިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަޑުގައި ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ.

ރޭ އެލްޗޭއަތުން ހޯދި މޮޅާއި އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށްވުރެ އެއް މެޗު މަދުން ކުޅެ ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 15 ޕޮއިންޓެވެ. ލީގުގައި އާދިއްތަ ދުވަހުގެ ރޭ ވާދަވެރި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އަލުން އެއްވަނައަށް އެނބުރި އައުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.

މެޗުގައި ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ލަނޑު އޭނާ ޖެހީ 34 ވަނަ މިނެޓުގައެވެ. ބާސެލޯނާގެ ދެ ވަނަ ލަނޑު 41 ވަނަ މިނެޓުގައި ޖެހީ މެމްޕިސް ޑިޕާއީއެވެ. އޭގެ ތިން މިނެޓު ފަހުން ޕެޑްރީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަަލައިނުގަންނަން ނިންމާފައެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު ލެވަންޑޯސްކީ ޖެހީ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައެވެ. މިއީ ސްޕެނިޝް ލީގުގައި ލެވަންޑޯސްކީގެ އަށް ވަނަ ލަނޑެވެ.

ލެވަންޑޯސްކީ މިހާތަނަށް އޭނާ ވަނީ އެ ޓީމަށް ކުޅެދިން އަށް މެޗުން 11 ލަނޑު ޖަހާފައެވެ.