English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނިންމައި އިލެކްޝަން ކޮމިޝަނަށް ފޮނުވައިފި އެވެ.

ޕީޕީއެމުން ވަކި ކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވަނީ، ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއެވެ.

އެ ތިން މެމްބަރުން ވަކިކޮށްފައި ވަނީ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބެލުމަށް ފަހު އެ ކޮމެޓީގެ އިއްތިފާގުން ނެވެ. އަދި އެ ތިން މެމްބަރުން ޕީޕީއެމްގެ ދަފުތަރުން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިހާރު ފޮނުވާފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފުވެ، ސަރުކާރު ބަދުނާމުވާ ގޮތަށް ހަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމާއެކު ޕާޓީގެ ޕީޖީ ގްރޫޕުގެ ނިންމުންތަކާ ޚިލާފުވެފައިވާތީ، މި މެމްބަރުން ޕާޓީން ވަކިކުރުމަށް ސުލޫކީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

މި ތިން މެމްބަރުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީޙު މަޤާމުން ދުރުކުރުމަށްޓަކައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރުންނެވެ. އަދި ސޮއި ނަގަން ދިން މުއްދަތުގެ ހަމަވިއިރުވެސް، އެމެމްބަރުން ސޮއި ނަގާފައެއް ނުވެއެވެ.

މުސްތަފާ އާ ސައުދުގެ އިތުރުން ޝާހު ޕީޕީއެމުން ވަކި ކުރުމަށް އެ ޕާޓީން ނިންމާފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށެވެ.

ޕީޕީއެމުން މިހާތަނަށް ވަނީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަހުމަދު މަނިކުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެ ޕާޓީން ވަކިކޮށްފަ އެވެ. އަދި އެ މެންބަރުން ގެ ގޮޑި ހުސްވެފައިވާ ކަމަށް ނިންމާ އިލެކްޝަން ކޮމިޝަނުން ވަނީ ބައި އިލެކްޝަން ބޭއްވުމަށް އުއުލާންކޮށްފަ އެވެ..

މި ދާއިރާތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.