English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވޭ އިންތިހާބެއް އެމްޑީޕީއިން ގަބޫލުނުކުރާނެކަމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.

އިއްޔެ އެމްޑީޕީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނީ ޕާޓީތަކުން ކަނޑައަޅާ ކެނޑިޑޭޓުންނަށް ކަމަށާއި، ޕާޓީތަކުން ނެރޭ ކެނޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެ ޕާޓީން ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރި ނުވެވޭ ގޮތަށް، ސިޔާސީ ޝަރީޢަތެއްގެ ތެރެއިން ޖަލަށް ލައިގެން ބާއްވާ އިންތިޚާބަކީ މިނިވަން އިންތިޚާބަކަށް ނުވާނެ ކަމަށެވެ. އަދި ސިޔާސީ ޝަރީޢަތެއްގެ ތެރެއިން ކުރެވުނު ހުކުމެއްގެ ދަށުން ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށާއި، މި ގޯސް ރަނގަޅު ނުކޮށްފިނަމަ އަންނަ އަހަރުގެ އިންތިޚާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެކަމުގައެވެ.

ސަރުކާރުން ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ނުކުރާކަމަށް އެމްޑީޕީއިން ބުނެފައިވާއިރު އެ ޕާޓީއިން ވަނީ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށާއި ސިޔާސީ ކުށްވެރިން ދޫކޮށްލައި، މެމްބަރުންގެ ޝަރީޢަތްތައް ހުއްޓާލުމަށް ގޮވާލާފައެވެ. މީގެ އިތުރުން އެ ޕާޓީން ބުނެފައިވަނީ ރާއްޖޭގެ ވޯޓުލާ އާބާދީގެ %25އަކީ އެމްޑީޕީ މެމްބަރުންކަމަށެވެ. އަދި އެމްޑީޕީއަކީ %48 ރައްޔަތުންގެ ތާޢީދު އޮތް ޕާޓީއެއްކަމުން އެޕާޓީގެ ކެނޑިޑޭޓް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަކީ އެޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.