English Edition
Dhivehi Edition

ގދ. ގައްދޫގައި އައު ހޮސްޕިޓަލެއް އެޅުމަށާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ސްޕެއިންގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީން ކުރެއްވި ޓުވީޓެއްގައި ވަނީ ގދ. ގައްދޫގައި އައު ހޮސްޕިޓަލެއް އެޅުމަށާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ އެޗް.އޯ.އެމް.ޓީ އެސްޕާނާ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އަތޮޅުތަކުގެ އަލަށް ހޮސްޕިޓަލް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ 12 ރަށުގެ ތެރޭގައި ގދ. ގައްދޫވެސް ހިމެނޭއިރު އެ ހޮސްޕިޓަލްތައް ފަރުމާކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށާއި، މިކަމަށް ހިންގާނެކަމަށް ލަފާކުރާ ހަރަދުތަކާ ގުޅޭ ދިރާސާތައްވެސް ނިމިފައިވާކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ 05 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަސައްކަތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމަވާފައިވާ 05 ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލެވެ.

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ދުރު ރާސްތާ ޕްލޭންގެ ދަށުން މިހާރު ވަނީ ހޮސްޕިޓަލް ތަރައްގީކުރުމަށް ބިން ކަނޑައަޅާފައެވެ. ނަމަވެސް އުމްރާނީ ގޮތުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްގީވާންވާއިރަށް މި ހޮސްޕިޓަލުގެ ހިދުމަތްތައްދަނީ ކުރިއަރާ ޓާޝަރީ ހޮސްޕިޓަލަކަށް ފައްކާވަމުންނެވެ. މިހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހޮސްޕިޓަލަށް 14 ކޮންސަލްޓޭޝަން ރޫމާ، އާ އޯޕީޑީ އޭރިއަކާއި ހަތަރު ޕްރައިވެޓް ރޫމާ ދެ ލޭބާ ސްވިޗްގެ އިތުރުން އައިސީޔޫ އިމާރާތެއް މިހާރު ވަނީ ތަރައްޤީކޮށް ނިންމާފައެވެ.