English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ އިނގިރޭސި ގަދަ ބާރު ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު އިޓަލީގެ ނަޕޮލީން ކާމިޔާބު ކޮށްފިއެވެ.

ނަޕޮލީގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޮލީން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ލިވަޕޫލުގެ ފަރާތުން މާ އެދެވޭ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔައިރު، ރޭގެ މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ނަޕޮލީން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން ނަޕޮލީއަށް ލީޑުނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ ސެބާސްޓިއަން ޒިއެލެންސްކީ އެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގެ ތެރޭގައި ނަޕޮލީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރި އިރު، މި ލަނޑު ޖަހައިދިނީ ޒަމްބޯ އަންގުއިސާއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޮލީން ވަނީ ތިންވަނަ ލަނޑެއް ވެސް ޖަހާފައެވެ. މި ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގިއޮވާނީ ސިމިއޯނީއެވެ.

ނަޕޮލީގެ ފަހު ލަނޑު ފަހު ހާފު ފެށިގެން ތިންވަނަ މިނެޓުގެ ތެރޭގައި ސިއެލިންސްކީ ކާމިޔާބު ކޮށްދިންއިރު، ލިވަޕޫލުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާސްއެވެ. ރޭގެ މެޗަށް މި ދެޓީމު ނިކުތްއިރު ވެސް މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު ވެސް ލިވަޕޫލަށް ނަޕޮލީގެ މައްޗަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ރޭގެ މެޗަކީ މި ދެޓީމު މި މުބާރާތުގައި ބައްދަލުކުރި ފަސްވަނަ ފަހަރެވެ.