English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނުރާގް ބާސޫގެ ފިލްމު ‘އާޝިގީ-3’ ކުޅުމުގެ ފުރުސަތު ކާތިކް އާރިޔަން އަށް ލިބިއްޖެއެވެ.

މަޝްހޫރު އެތައް ތަރިންގެ ފިލްމުތައް ފްލޮޕްވަމުންދާ މި ދުވަސްވަރު ކާތިކްގެ “ބޫލް ބުލައްޔާ 2″އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ މިއަހަރު ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމާއި އެކު ކާތިކް އަށް ގިނަ ޑައިރެކްޓަރުންގެ ހުށަހެޅުންތައް ލިބެމުން އަންނައިރު އަނުރާގް ގެ ‘އާޝިގީ-3’ ކުޅުމުގެ ފުރުސަތުވެސް އޭނާއަށް ވަނީ ލިބިފައެވެ.

1990 ގައި މަހޭޝް ބަޓް ޑައިރެކްޓްކުރި “އާޝިގީ” އަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އަނޫ އަގަރްވާލް އާއި ރާހޫލް ރޯއީ ފިލްމީ ދާއިރާއަށް ތައާރަފްވެގެން ދިޔަ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު 2013 ވަނަ އަހަރު ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއި ކަޕޫރު ލީޑް ރޯލު ކުޅެފައިވާ “އާޝިގީ 2” އަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ،

އެހެންނަމަވެސް “އާޝިގީ” ގެ ސީކުއަލް އަކަށް “އާޝިގީ 2” ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިނަމަވެސް “އާޝިގީ 2” އަކީ މުޅިން ތަފާތު ވާހަކައަކަށް އުފެއްދި ފިލްމެކެވެ.