English Edition
Dhivehi Edition

ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ ފަރާތުން މިހާރަށްވުރެވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، މިއަދު ފާހަގަކުރާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ދިވެހިފުލުހުންގެ ޚިދުމަތް ވަކި މަދަނީ ޚިދުމަތެއްގެ ފެށި ޚިދުމަތް ދެވެމުން އަންނަތާ 18 އަހަރު ފުރިގެން ދިޔައިރު، ދިވެހި ފުލުހުންގެ ޚިދުމަަތަށް އެތައް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމިއޮންނާނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް އާއި އެއްގޮތަށް ވީހާވެސް ރަނގަޅަށް އަދި ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދިވެހިފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކޮށް ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. މިރޮނގުން ވާހަކަފުޅު ކުރިޔަށްގެންދަވައި މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ޤައުމު ތަރައްޤީކުރުުމުގައި ހަމަނުޖެހުން ޤާއިމްކޮށް ތަރައްޤީ ގެނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. ރައީސުލްޖުމްހޫެރިއްޔާގެ ނައިބު ވަނީ، އަމަން އަމާންކަން ޤާއިމްކޮށް ދެެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގައި، ދިވެހިރައްޔިތުންގެ ފަރާތުން އިތުރު އެއްބާރުލުން ދެއްވުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

މިޖަލްސާގައި ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންތަކުގެ ފުލުހުންނާއި ޓެކްނިކަލް ޑިރެކްޓަރ މަޤާމުގެ އާއްމު މުވައްޒަފުންނަށް، ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، 1 ސެޕްޓެމްބަރ 2004ގައެވެ.