English Edition
Dhivehi Edition

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގދ. މަޑަވެލި ހޯނޑެއްދޫ ސީ ޕީ އެސް ޕްރޮޖެކްޓްގަ މަސައްކަތްކުރާ 14 މުވައްޒަފުން ވަކި މުއްދަތެއްނެތްގޮތަށް ސަސްޕެންޑް ކޮށްފިއެވެ.

މި މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއިން ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރާ އިންޖީނުގޭގެ މަސްކަތަށް ގެންދިއުމަށްފަހުގައެވެ.

ނަންހާމަ ނުކުރުމަށް އެދި މަޑަވެލި ހޯނޑެއްދޫ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފަކު އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ (1 ސެޕްޓެންބަރ 2022) މެންދުރުފަހު 2:30 އެހާކަންހާއިރު މަޑަވެލި ހޯނޑެއްދޫ ސައިޓްގަ މަސައްކަތްކުރާ މަޑަވެލި ހޯނޑެއްދޫ އަދި ނަޑެއްލާ އަށް ނިސްބަތްވާ 14 މުވައްޒަފުން އެރަށަށް ދިޔައިރު އެރަށުގައި އެ މުވައްޒަފުންނަށް އެކަމޮޑޭޝަން ހަމަޖައްސާފައި ނުވާކަމަށެވެ.

އަދި އެކަމާއި ގުޅިގެން ސުވާލުކުރުމުން ހަދަން ފަށާފައިވާ އެކޮމޮޑޭޝަނެއް ދެއްކުމަށްފަހު އެތަން ނިންމައިގެން އެތަން ބޭނުންކުރުމަށް އަންގާފައިވާ ކަމަށާއި އެރޭގެ 8:30 ވީއިރުވެސް އެކޮމޮޑޭޝަން ނުދެއްކުމުން އަލުން އަމިއްލަ ރަށަށް ފުރައިގެން ދިއުމުން އެރޭގެ 11 ޖެހި އެހާކަށްހާއިރު އެދަތުރުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ހެޑްއޮފީހުން ވަކިގޮތެއް އަންގަންދެން ގޭގައި މަޑުކުރުމަށް އަންގާއިވާކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯރޓްގެ އިންޖީނުގޭގެ މަސައްކަތްކުރާ ސައިޓުގައިމަޑަވެލި ހޯނޑެއްދޫ ފެނަކަ މުވައްޒަފުންނަށް އެކޮމޮޑޭޝަނެއް ގޮތުގައި ދައްކާފައިވާ ތަން

“އަޅުގަނޑުމެން އެރަށަށް ދިޔައިރު އެެރަށުގައި އަޅުގަނޑުމެންނަށް ތިބެވޭނެ އެއްވެސް ތަނެއް ނެތް. ދަބަސްގަނޑުވެސް ބާއްވަން ޖެހުނީ ފިނިއައްޓެއްގައި ހުރި ޖޯލިފައްޗެއްގައި. 14 މުވައްޒަފުންނަށް އެރޭގެ 8:00އާ ހަމައަށް ނިދާނެ ތަނެއް ކާނެ ތަނެއް ހަމަޖައްސައި ނުދިން. އަދި މިކަމުގައި ކުންފުނީގެ ފަރާތުން އެތަނުގައި ހަވާލުވެގެން ހުރި ބޭފުޅާއަށް ޖަވާބުދާރީ ނުވެވުމުން ބީރައްޓެހި ރަށެއްގައި ނުތިބެވޭނެކަމަށް ބުނެ އަޅުގަނޑުމެން ފުރައިގެން ރަށަށް އައީ. އަދި އެރަށަށް އަޅުގަނޑުމެން ދިޔައިރު ބަލިވެ ހުން އައިސްގެން ދާން އުޒުރުވެރިވި 4 މުވައްޒަފަކަށް، ނުގޮސްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ދީފައިވާކަމަށް މިކޮޅު ސައިޓްގެ އެސިސްޓެންޓް މެނޭޖަރ ވަނީ ބުނެފައި.”

 

މިގޮތަށް ކަންތައްކުރުމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވަނީ އެމުވައްޒަފުން މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކުރިކަން އަންގާފައެވެ. ފެނަކަ ސީ ޕީ އެސް މަޑަވެލި ހޯނޑެއްދޫ ސައިޓްގައި އެސަރަހައްދަށް ނިސްބަތްވާ 18 މުވައްޒަފުން މަސައްކަތްކުރެއެވެ.