English Edition
Dhivehi Edition

އަވަށްޓެރި އިންޑިއާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށް ލާން އެންގިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

އޮންލައިން ނޫސް ދިޔަރެސް ގައި ޝާއިއު ކުރި ޚަބަރަކާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ ރައީސް ޔާމީން ޖަލަށްލުމަށް އިންޑިއާއާއެކު އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާކަމަށާއި ރައީސް ޔާމީން ޖަލަލަށްލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބޭރު ޤައުމެއްގެ ބޭފުޅަކު އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއްކަމަށެވެ.

“އިންޑިއާއިން އެންގީ ރައީސް ޔާމީން ޖަލަށްލުމަށް” މި ސުރުޙީގެ ދަށުން އެ ނޫހުގައި ޝާއިއު ކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު އެ ދެބޭފުޅުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ވީޑިއޯ ކޯލްގެ ޒަރީއާއިން ރައީސް ސާލިހް ވެސް ބައިވެރިވެވަޑައިގެންނެވިކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، އެއީ ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ޚިޔާލީ ވާހަކައެއްކަމަށެވެ. އަދި ދިވެހިރާއްޖެ އާއި ބޭރުގެ ޤައުމުތަކާއި ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.