English Edition
Dhivehi Edition

ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަލާއިރު، ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެ އެވެ.

އަދި އެމީހަކީ ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ. ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފިރިހެން މީހެއްނަމަ އިސްކޮޅުގައި ފަސްފޫޓު ފަސް އިންޗި، އަންހެނެއް ނަމަ ފަސް ފޫޓު ތިން އިންޗި ހުންނަން ވާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރަށް އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގް) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެ އެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސިފައިންގެ ވަޒީފާއަށްއެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އަދި އެމް.އެން.ޑީ.އެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވަޒީފާއަށްއެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް ޑިފެންސް މިނިސްޓްރީންނެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ [email protected] އަށެވެ.

ވަޒީފާ އަށް އެދޭ ފޯމް ހުށަހަޅާއިރު ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.