English Edition
Dhivehi Edition
ސްކީމް އިން ކުރިއަށް ގެންދިޔަ ޕަބްލިކް ސްޕީކިން ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އަލީ ނާސިރު/ އޭއޯ ނިއުސް

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިންތިޒާމުކޮށްގެން އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ ޕަބްލިކް ސްޕީކިންގ ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އޮގަސްޓްމަހުގެ 25 އިން 27 އަށް ޝަރަފުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ މިދާއިރާގައި ތަޖުރިބާ ލިބިލައްވާފައިވާ، ޖޯން.ސީ.މެކްސް.ވެލް ސަރޓިފައިޑް ސްޕީކަރ އެއްކަމަށްވާ އާދަމް ނަޞީރު ހުސޭނު އެވެ. އާދަމް ނަޞީރު ހުސޭނަކީ މީހުން ބިނާކުރުމުގެ ދާއިރާގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ އަދި މިހާރުވެސް މިދާއިރާގައި ދެމި ހުންނެވި ކުޅަދާނަ މުދައްރިބެކެވެ.

މި ޕްރޮގްރާމަކީ ޕްރޮފެޝަނަލް ގިންތީގައި މަސައްކަތް ކުރާފަރާތްތަކާއި، އޮފީސްތަކުގެ ވެރިންނާއި، އުގަންނައި ދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން، ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސްޕީޗް ގެ އޮނިގަނޑު އެކުލަވާލުމާއި، މީހުން ޝައުގުވެރިވާ ގޮތަށް، ހުށަހަޅައި ދިނުމާއި، އަސަރު ހުރި ވާހަކައެއް ދެއްކުމުގައި ސަމާލުކަންދޭންޖެހޭ ބައިތަކާއި، ބަޔަކާއި މުހާތަބު ކުރުމުގައި ހުންނަ ޖެހިލުންވުމުން އަރައިގަންނާނެ ގޮތްތައްފަދަ، ޕަބްލިކް ސްޕީކިންގ ގެ ދާއިރާއިން ކޮންމެހެން އެނގެންޖެހޭ މުހިންމު ބައިތަކާއި، އަމަލީގޮތުން ސްޕީޗް ދިނުމާއި، އަދި ރަނގަޅުކުރަންޖެހޭ ބައިތައް ބައިވެރިންނަށް އަންގައި ދިނުން ހިމެނިފައިވެއެވެ.

ޕަބްލިކް ސްޕީކިންގ ސްކިލް އަކީ އަމިއްލަ މީހާގެ ކުރިއެރުމަށްޓަކައި އެންމެ މުހިންމު އެއް ހުނަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ، އަދި ވަޒީފާގެ ބާޒާރުގައި އެންމެ ބޭނުންތެރި އެއް ހުނަރެވެ.

ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޖަމިއްޔާއެއް ކަމަށްވާ ސްކީމް އިން މިހާތަނަށް ވަނީ ގދ. އަތޮޅާއި ފުވައްމުލަކުގައި ވެސް މިފަދަ ކާމިޔާބު ޕްރޮގްރާމު ތައް ބާއްވާފައެވެ.