English Edition
Dhivehi Edition

ޖަރުމަން ލީގުގައި ރޭ ބޮކުމް އާއި ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން މިޔުނިކް ކާމިޔާބު ކޮށްފިއެވެ.

ރަށުން ބޭރުގައި ބޮކުމް އާއި ދެކޮޅަށް ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 0-7 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ބަޔާން އިން މޮޅު ކުޅުމެއް ދެއްކި އިރު، މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ބަޔާން އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ބަޔާންއަށް ކާމިޔާބު ކޮށްދިނީ ލިރޮއީ އަޒިޒް ސާނޭއެވެ. ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށް ލީޑު ފުޅާކޮށްދިނީ މަތިއަސް ޑިލިޓްއެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ކިންގްސްލޯ ކޯމަން ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިން އިރު، ބަޔާންގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މާނޭއެވެ. މާނޭގެ ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބު ކުރި ލަނޑެެކެވެ. މި މެޗުގައި މާނޭ ދެ ލަނޑު ކާމިޔާބު ކުރިއިރު، މިއީ މިފަހަރުގެ ޓްރާންސްފާގައި ބަޔާންއަށް ބަދަލުވެ ކުޅުނު ތިން މެޗުގައި މާނޭ ކާމިޔާބު ކޮށްދިން ތިންވަނަ ލަނޑެވެ. ބަޔާންގެ ހަވަނަ ލަނޑަކީ ބޮކުމްގެ ގެމްބޮއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި ބަޔާންގެ ހަތްވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖް ގިނަބްރީއެވެ.

ރޭގެ މެޗުން ހޯދި މޮޅާއި އެކު މިއީ މިފަހަރުގެ ލީގުގައި ބަޔާން އިން ހޯދި ތިންވަނަ މޮޅެވެ. އެޓީމުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް ތަފާތު ބޮޑު ނަތީޖާތަކަކުން މޮޅުވެފައެވެ.

އެޓީމު މިވަގުތު އޮތީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނާގައެވެ.