English Edition
Dhivehi Edition

ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ބޭއްވުމަށް އައްޑޫސިޓީ ފަރިވަނީއެވެ.

މި މި ސަރަހައްދުގައި ބާއްވާ އެއްމެ ބޮޑު އެއް ޓްރެވަލް އެވޯޑަށް ތައްޔާރުވުމުގެ ގޮތުން އައްޑޫގެ އެކި ސަރަހައްދުތައްވަނީ ސާފުކޮށްފައެވެ. ގެސްޓްހައުސްތަކުން ގެންދަނީ މި އެވޯޑަށް އަންނަ މީހުންނަށް މަރުހަބާ ކިޔުމަށް ތައްޔާރުކުރަމުންނެވެ. ޓެކްސީ ޑްރައިވަރުން ގެންދަނީ އެމީހުން އެކިތަންތަނަށް އުފުލުމަށް ވަގުތު ހުސްކުރަމުންނެވެ.

އީކުއޭޓަރވިލެޖުގައި ބާއްވާ މި ބޮޑު ހަފްލާއަށް އަންނަ މީހުންނަށް މަރުހަބާ ކިޔުމަށްޓަކައި ތަފާތު ލަވަތަކާއި މާމެލާމެލީގެ ހާރުތައްދަނީ ގަތަމުންނެވެ. ޖިންސުއްލަތީފުންގެ ފަރި ހަރަކާތްތައް ހުށަހެޅުމަށްވެސްދަނީ ތައްޔާރުވަމުންނެވެ. ގަމުގައި ސަޓާގެ ދިދަތައް ޖަހައިފިއެވެ. ނަލަކޮށްފިއެވެ. އައްޑުއަށް ލިބެންއުޅޭ ބޮޑު ފުރުސަތަށް ކުރެވޭ އުންމީދުގެ ބޮޑުކަމުންނެވެ.

އައްޑޫއިން މިކަމަށް މިވަރަށް ތައްޔާރުވަނީ ކީއްވެ ހެއްޔެވެ؟ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ މިއީ އައްޑޫސިޓީއަށް ލިބިގެންދާނެ ވަރަށްބޮޑު ފުރުސަތަކަށްވާނެ ކަމަށެވެ. އައްޑޫގައި އިންވެސްޓްކުރާނެ ބަޔަކު ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމަށް އައްޑޫސިޓީ ބޮޑަށް ހުޅުވައި އިސްތިހާރުވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ޔަސްރިފް ވިދާޅުވިއެވެ.

މި އިވެންޓު އިންތިޒާމް ކުރަނީ މިފަދަ ކަންކަން ކުރުމުގައި ތަޖުރިބާ ލިބިފައިވާ ހައިރައިޒުންނެވެ. އެ ތަނުން ބުނީ ސަޓާ އިވެންޓްގައި ރާއްޖެއާއި، އިންޑިއާއި، ލަންކާއި ނޭޕާލް، ބޫޓާން ބައިވެރިވާ ކަމަށެވެ.

އިންޑިއާގެ ބްރޭންޑްތަކުގެ ތެރޭގައި، މަލާބާރް ހޮލިޑޭސް، ތީ ލީލާ، ތައި ވެސްޓެޑް، އިންޓާ ސައިޓް، ތާޖް ވައިޓްފީލްޑް، ފޮރެސްޓް ކެނޮޕީ، ހޮލިޑޭ ކެރަލާ، ކައުޓީޔާޑް މެރިއޮޓް، ފްރެގެންޓް ނޭޗާ، އިބްނި ކޯޖް، ޝެރަޓަން ގްރޭންޑް އަދި ސްޕީސް ޖެޓް ފަދަ މަޝްހޫރު ބްރޭންޑްތައް ފާހަގަ ކޮށްލެވޭ ކަމަށެވެ.

ދެންއޮތީ އަވަށްޓެރި ސްރީ ލަންކާއެވެ. އެގައުމުން މި އިވެންޓުގައި ބައިވެރިވާ ބްރޭންޑް ތަކުގެ ތެރޭގައި، މޫވެންޕިކް، ސްރީލަންކަން އެއާލައިން، ސިނަމަން ހޮޓެލްސްގެ އިތުރަށް އެހެން ބްރޭންޑުތައްވެސް ހިމެނެއެވެ. ނޭޕާލާއި، ބޫޓާނުން ވެސް ޝަންގްރީލާ، ހިމާލެއާ އެއާލައިން، އަންނަޕުރްނާ، ބަރަހީ، މަލްބެރީ، ޓަޝީ ނަމްގޭ ރިސޯޓްސް ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން ބައިވެރިވާ ބްރޭންޑް ތަކުގެ ތެރޭގައި، ޖޯންކީލްސް މޯލްޑިވްސް ރިޒޯޓްސް، ޖުމެއިރާ، ވިލާ ހޮޓެލްސް، ލަކްސް، އަނދާރަން ރިސޯޓްސް، ސޮނެވާ، އަމިއްލަފުށި، ވޮޔޭޖަސް މޯލްޑިވްސް، އިނަރ މޯލްޑިވްސް، ކޮކޫން، ސަމަރ އައިލެންޑް، އެނބޫދޫ، މޯލްޑިވިއަން ހިމެނެއެވެ.

ސަޓާ އިވެންޓުގެ އެކިކަންކަމަށް އަންނަ މީހުންނާއެކު ޖުމްލަ 500 އެއްހާ މީހުން އައްޑުއަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މި އިވެންޓަށް އަންނަ މީހުން އައްޑޫސިޓީގެ ހިތްގައިމު މާހައުލުގައި ހިމެނޭ ގުދުރަތީ ތަންތަން ބަލާލަން ދާނެއެވެ. އަދި ޑަބްލިޔުޑީސީން ބާއްވާ އައިލެންޑު ފެސްޓިވަލެއްވެސް އޮންނާނެއެވެ. މި ފެސްޓިވަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 3:30 އަށް މަރަދޫ ޕާކުގައެވެ. މި ފެސްޓިވަލުން ދައްކުވައިދޭނީ ދިވެހި ސަގާފަތާއި އައްޑުއަށް ޚާއްސަ މަސައްކަތްތަކެވެ. އައްޑުއަކީ ފަތުރުވެރިކަމަށްވެސް އެންމެ ރަނގަޅު އެއްމަންޒިލް ކަމަށްވެސް މި ފެސްޓިވަލުން ދައްކުވައިދޭނެއެވެ.

މި ފުރުސަތަކީ ފަތުރުވެރި ކަމުގެ ދާއިރާއިން އައްޑޫސިޓީ އިސްތިހާރު ކުރުމަށް ލިބޭ ފުރުސަތެކެވެ. އައްޑޫގައި ހަދައިފައިވާ ގެސްޓުހައުސްތަކާއި ހޮޓާތަކަށް މި އިވެންޓުގެ ސަބަބުން ފައިދާތަކެއް ކުރާނެއެވެ.

އައްޑޫސިޓީގައި މި ބާއްވަނީ ސަޓާގެ އެވޯޑުގެ ދެވަނަ ބުރެވެ. ފަރަތަމަ މި އިވެންޓު ބޭއްވީ މިދިޔައަހަރުއެވެ. އެ އިވެންޓު ބާއްވައިފައިވަނީ ސްރީލަންކާގެ މައުންޓް ލެވޭނިއާ ހޮޓެލްގައެވެ. ސަޓާ އެވޯޑުގައި 10 ސެގްމެންޓާއި 34 ކެޓަގަރީ ހިމެނެއެވެ. އެއަށްވަނީ 450 އަށްވުރެ ގިނަ ފަރާތްތައް ނޮމިނޭޓުވެފައެވެ.

މި އިވެންޓަށް އަންނަ ފަރާތްތައް މާދަމާއިން ފެށިގެން ގަމަށް އަންނަން ފަށާނެއެވެ. އެންމެނަށްވެސް އައްޑޫސިޓީން ހޫނުމަރުހަބާއެއް ކިޔަން ތައްޔާރުވަނާ ހިންގާށެވެ.