English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވާ ގދ. ހޯނޑެއްދޫ ކައުންސިލް މެންބަރުގެ މަގާމުގައި ހުރި ޢަބްދުﷲ ޢަރީޝް ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރގެ ހާޒިރީގައި އެންމެ ދަށުގައެވެ.

ގދ. ހޯނޑެއްދޫ ކައުންސިލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އެޕްރީލް މަހުގެ 01 އިން ފެށިގެން ޖޫން މަހުގެ 30 ގެ ނިޔަލަށް މެންބަރު ޢަރީޝް އޮފީހަށް އަންނަން ޖެހޭ 61 ދުވަހުގެ ތެރެއިން އޮފީހަށް އައިސްފައިވަނީ އެންމެ 28 ދުވަހުއެވެ.

ނާންނަ ނުވަތަ ހާޒިރުނުވާ ދުވަސްތަކުގެ ގޮތުގައި 06 ދުވަސް އޮތްއިރު އެކި ކަހަލަ ޗުއްޓީގެ ގޮތުގައި 33 ދުވަސް ޢަރީޝް ވަނީ ހޭދަކޮށްފައެވެ. މިއީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމަކޮށް ދިނުމުގައި ލަސްތަކެއްވެ ބޮޑެތި ނިންމުންތައް ނުނިމި ދިގުދެމިގެން ދާނެ ކަމެއް ކަމަށް ހޯނޑެއްދޫ ރައްޔިތުން ދެކެއެވެ.

03 މަސްދުވަހު ތެރޭގައި އެންމެ 03 ބައްދަލުވުމަށް ހާޒިރުވުމަކީ 05 އަހަރަށް ވޯޓުދީ ރައްޔިތުން އިންތިހާބުކުރި ބޭނުން، މިހާރު ކެނޑިފައިވާ ފަދަ ކަމެއް ކަމާމެދު ޝައްކެއްވެސް ނެތެވެ. ހޯނޑެއްދޫ ކައުންސިލުގެ ފުރަތަމަ ކުއާޓަރގައިވެސް ހާޒިރީ އެންމެ ފުލުގައި އޮތީ ޢަރީޝް އެވެ.

ކައުންސިލުގެ އާންމު ބައްދަލުވުންތަކުގެ ގޮތުގައި 14 ބައްދަލުވުން ބޭއްވިފައިވާއިރު ޢަރީޝް ހާޒިރުވީ ޖުމްލަ 03 ބައްދަލުވުމަށެވެ. ރައްޔިތުންނާއި ގުޅުންހުރި ތަރައްގީގެ ކަންކަމުގައި ބަސްބުނުމަށް ރައްޔިތުން ވޯޓުދީގެން ހޮވާފައިވާ މެންބަރެއް މިފަދައިން ކަންތައް ކުރުން މިއީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމަށް އެރަށުގެ ގިނަ ރައްޔިތުން ބުނެއެވެ.

ގދ. ހޯނޑެއްދޫ ކައުންސިލުގެ ދެވަނަ ކުއާޓަރގެ ހާޒިރީ އެންމެ ރަނގަޅީ އެކައުންސިލުގެ ރައީސް ޙުސައިން ވާރިޝް އެވެ. ރައީސް އަހަރީ ޗުއްޓީގެ ގޮތުގައި ހުންނެވި 04 ދުވަސް ފިޔަވާ ބާކީ 54 ދުވަހު އޮފީހަށް ހާޒިރުވެފައިވެއެވެ.

05 މެންބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ގދ. ހޯނޑެއްދޫ ކައުންސިލަކީ 2021 ވަނަ އަހަރު ބޭއްވުނު ކައުންސިލްތަކުގެ އިންތިހާބުގައި ހުރިހާ ގޮނޑިއެއް އެމް.ޑީ.ޕީ އިން ކާމިޔާބުކުރި މަދު ކައުންސިލުތަކުގެ ތެރޭގައި ހިމެނޭ އެއް ކައުންސިލެވެ. އެރަށް ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުޞައިން ފިރުޝާން އަކީވެސް އެމް.ޑީ.ޕީ އަށް ނިސްބަތްވާ މެންބަރެކެވެ.

މިއަރުގެ ބަޖެޓުގައި އެރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޖުމްލަ 2,323,035.00 ދިވެހި ރުފިޔާ ވަނީ ހިމަނާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫން (2022/7) ގެ 107 ވަނަ މާއްދާގެ އަދި 08 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތަށް 2022 ވަނަ އަހަރުގެ ޖުލައި މަހު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާއި ބައްދަލުވުން ބާއްވާފައިވާ ހުވަދުއަތޮޅު ދެކުބުރީގެ ރަށު ކައުންސިލްތަކުގެ ތެރޭގައި ގދ. ހޯނޑެއްދޫ ކައުންސިލް ހިމެނެއެވެ.