English Edition
Dhivehi Edition

މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް މޯބައިލް އައިސްޕްލާންޓެއްގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ. މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އެފަދަ އައިސްޕްލާންޓެއްގެ ޚިދުމަތް ދެއްވަން ފަށްޓަވާނެ ކަމަށެވެ. އެކަމަށްވާންޖެހޭ ތައްޔާރީތައް އެކުންފުނިން މިހާރުވަދަނީ ވަމުންނެވެ. އެއްތަނުން އަނެއްތަނަށް ގެންދެވޭ މިފަދަ ޕްލާންޓެއްގެ ޚިދުމަތް ދެއްވަން ނިންމެވީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރުގައި މަސްވެރިންނަށް ބޭނުންވާ އައިސް ނުލިބި ދަތިތަކާ ކުރިމަތިލާންޖެހޭތީ އެކަން ހައްލުކުރުމަށެވެ. “އެއްތަނުން އަނެއްތަނަށް ގެންދެވޭފަދަ އައިސްޕްލާންޓެއްގެ ޚިދުމަތްދޭން ފެށުމުން މަސްވެރިންނަށް ފަސޭހަވާނެ. އޭރުން އައިސް ނުލިބިގެންއުޅޭ ސަރަހައްދުތަކަށް އެފޮނުވާލެވޭނެ،” އަދުލީ ވިދާޅުވިއެވެ. އެއީ އެންމެ ކުޑަވެގެން ދުވާލަކަށް 50 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓަކަށްވާނެ ކަމަށް އާނާ ވިދާޅުވިއެވެ. ރާއްޖޭގެ މަސްވެރިން މަހަށްދަނީ އެދުވަސްވަރެއްގައި މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދަށެވެ. އަހަރު ފެށިގެންއައިއިރު މަސްބޭނީ އުތުރުންނެވެ. އެފަހަރު ދެކުނުގެ މަސްވެރިންވެސް މަހަށްދިޔައީ އުތުރަށެވެ. އެގޮތަށް އެއްސަރަހައްދަކަށް ގިނަދޯނިފަހަރު ދިޔުމުން އައިސް ފޯރުކޮށްދިނުމަށް ދަތިކަމެއް ދިމާވާކަމަށް އަދުލީ ވިދާޅުވިއެވެ. “އައްޑޫގައި މިހާރުވެސް ފަންސާސްޓަނުގެ އައިސްޕްލާންޓެއް ހުންނާނެ. ފަންސާސްޓަނުގެ މޯބައިލް ޕްލާންޓެއްގެ ޚިދުމަތް ފެށުމުން އެ އައްޑުއަށް ފޮނުވާލުމުން އެއަދަދު ޑަބަލްވާނެތާ. އެހެންވުމުން އައިސްލިބުމުގެ މައްސަލަ ހައްލުވާނެ،” އަދުލީ ވިދާޅުވިއެވެ.