English Edition
Dhivehi Edition

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް ދޭން ނިންމައިފި އެވެ.

މި ގޮތަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވަނީ ރޭ ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައެވެ. މި ބައްދަުވުމުގައ ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ނިންމާފައެވެ.

އެކަން އިއުލާން ކުރެއްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވެވި ޓުވީޓުގައި ވަނީ ރައީސް ޔާމީނަށް މަރުހަބާ ވިދާޅުވެފައެވެ. ރޭގެ ބައްދަލު ވުމަށްފަހު އަދުރޭ ވިދާޅުވީ ޔާމީނަށް ޓިކެޓް ދޭން ނިންމީ މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކޯލިޝަންގެ ބައްދަލުވުމުގައި ބައިވެރިވި 99 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

އަދި ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ޕްރައިމަރީއަކަށް ދިއުމާ ގުޅޭ ގޮތުން ވެސް މެމްބަރުން ބަހުސްކުރި ކަމަށާއި އިއްތިފާގުން ނިންމީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ޕްރައިމަރީއަކަށް ނުދިއުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މި ވަގުތަށް ބޭނުންވަނީ ރައީސް ޔާމީން ކަހަލަ ވެރިއެއްކަމަށާއި އެހެންވީމާ ރައީސް ޔާމީން ވާދަކުރައްވަން ހުންނަވަނިކޮށް ނޫނީ އެ މަނިކުފާނު ވާދަކުރައްވަން ބޭނުންފުޅިއްޔާ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާ އަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ. އެ ރަށުގެ މުއާމަލާތާ ގުޅިގެން ވެސް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިން އުނިވާނެއެވެ.

ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އާރަށުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން މިހާރު ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.

ޓެގު