ދ. އަތޮޅު ކުޑަހުވަދޫގައި ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުން އެބަ ދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިހަމަނުޖެހުން ހިނގަން މެދުވެރިވީ ކުޑަހުވަދޫގައި އިއްޔެ މެންދުރު މީހަކު ހާޓްއެޓޭކެއް ޖެހިގެން އެމީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވީނަމަވެސް ކުޑަހުވަދޫ އެއަރޕޯޓު އޮޕަރޭޓްކުރާ މަންތާ އެއަރ އިން އެމީހާ މާލެ ފޮނުވައި ނުދީގެން ކަމަށް ބުނެ އެރަށު މީހުން އެއަރޕޯޓު ބަންދުކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީސްމީޑިއާގައި މިހާރު އާއްމުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ތިބި ރައްޔިތުން ފުލުހުންގެ ގަޔަށް ވެއްޔާއި ގަލާއި އެހެނިހެން ތަކެތި އުކާ މަންޒަރު ފެނެއެވެ. އަދި ހަޑިހުތުރު ބަހުން ފުލުހުންނާއި މުއާމަލާތް ކުރުމުގެ އިތުރުން ފުލުހުންގެ ގައިގަ ތަޅަން ގޮވާ އަޑުވެސް އެވީޑިއޯތަކުން އިވެއެވެ.