English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ތެލުގެ ސަބްސިޑީއަށް ، ބަޖެޓްގައި އަންދާޒާކުރި އަދަދު އެތަށް ގުނައަކުން މަތިވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެެެވެ.

މިއަހަރުގެ ރާއްޖޭގެ މިނިވަން ދުވަހުގެ މިނާސަބަތުގައި ދެއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ މިއަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލަ އަކީ، 341.5 މިލިއަން ރުފިޔާ ކަމަށެވެ.

އެއީ މުޅިއަހަރަށް ބަޖެޓް ކުރެވުނު މިންވަރުނަމަވެސް މިހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އެކަނި ވެސް ޚަރަދުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ލަފާ ކުރެވޭ ގޮތުން މިއަހަރުގެ ނިޔަލަށް މިޙާލަތުގާ ދާނަމަ ޖުމްލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ ކަމަށެވެ.

ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެކަމަކަށް. ފުރަތަމަ ކަމަކަށް ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހުކުރަންޖެހޭ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާ އަކީ މަސްވެރިންނަށް ބޭނުންވާ ތެޔޮ. ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް. މިއީ މިޙާލަތާ ގުޅޭ ގޮތަށް އިޤްތިޞޯދީ ސިޔާސަތަށް ބަދަލުގެންނަން ޖެހޭ ވަގުތު.” ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާޅިހު ވިދާޅުވީ ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި މިބަދަލު ތަފްޞީލުކޮށް، ތަންޒީމުކޮށް، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

މިއީ ދުޅަހެޔޮ އިގްތިޞޯދީ އޮމާން ދުވެލީގެ ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާޞިލުވުމަށް މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ޒިންމާ އަކީ އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުން ކަމަށެވެ.

“ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދަމުން، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަން.” ރައީސް ވިދާޅުވިއެވެ.