English Edition
Dhivehi Edition

ރާއްޖެއަށް ވެސް މަންކީޕޮކްސް (މަކުނު ވިދުރި) އައުމުގެ ފުރުސަތު އޮތުމުން، ރާއްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

މަކުނު ވިދުރާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މުޅި ދުނިޔޭގައި އިމަޖެންސީ އިއުލާންކޮށްފައެވެ.

މަކުނު ވިދުރު ރާއްޖެއަށްވެސް އައުމުގެ ބޮރުބޮޑުވެފައިވާއިރު އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި މަކުނު ވިދުރި ފެތުރެން ފެށުމާއެކު އެފަރާތްތަކުން ވެސް ދަނީ ދުނިޔޭގައި ބަލި ފެތުރެމުންދާ ގޮތް މޮނިޓަރކުރަމުން ކަމަށެވެ. އަދި ބައްޔާއި ގުޅިގެން ރާއްޖޭން ވާން ޖެހޭ ތައްޔާރީތަކާއި ދޭން ޖެހޭ އިޖާބަ ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތައް ކުރަމުންދާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އިތުރަށް އެޗްޕީއޭ އިން ބުނީ ކޮވިޑް ބައްޔާ އަޅައި ބަލައިއިރު، މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށް ވުމުން މި ބަލި ފެތުރޭ ގޮތް ތަފާތުވާނެކަމަށެވެ. އަދި މި ބަލި ކުރިން ފެތުރިފައިވާ ގައުމުތަކުގައި ބަލި ފެންނަގޮތާ ޚިލާފަށް، އަލަށް މިބަލި ފެންނަ ގައުމުތަކުގައި ބަލި ފެތުރެމުންދާގޮތް ތަފާތުކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވާއިރު މި ބަލި އާންމުގޮތެއްގައި ގިނައިން ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައި، ޚާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައެވެ.

މިވަގުތު ބައްޔަށް ޓެސްޓް ކުރެވޭނެ ގޮތާ އަދި ބައްޔަށް ފަރުވާ ކުރެވޭނެ ބޭހާއި ބަލިން ރައްކާތެރިވުމަށް ދެވޭނެ ވެކްސިންފަދަ ވަސީލަތްތައް ދުނިޔޭގައި ވަރަށް މަދުކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ. އަދި އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ ހުރިހާ ޤައުމުތައް ގުޅިގެން ބަލި ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ.