English Edition
Dhivehi Edition

މީގެ ފަސް އަހަރު ކުރިން މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ، ހަ ވަނަ ފަހަރަށް ތަހުގީގުކުރަން ބަންގަލަދޭޝްގެ ކޯޓަކުން އިއްޔެ އަމުރުކޮށްފިއެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖު ކިޔަވަމުން ދިޔަ ރައުދާ އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ 29 މާރިޗް 2017ގައެވެ. ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް އޮޓޮޕްސީތަކުން ނާއި ފުލުހުންގެ ތަހްގީގުންވެސް ވަނީ ނިންމާފައެވެ. އަދި އަމިއްލަ މަރުވިކަން އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާއި ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގެ މަރު ކޮމިޝަނުން ވެސް އެ މައްސަލަ ނިންމާފައި ވަނީ ބަނގްލަދޭޝްގެ ޕޮލިހުންގެ ތަހުގީގާ އެއްގޮތަށް ރައުދާ އަމިއްލައަށް މަރުވީކަމަށެވެ.

އެހެންނަމަވެސް ރައުދާގެ މަރުގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި، ރައުދާ މަރާލާފައިވާކަމަށް އޭނާގެ ބައްޕަ ވަނީ ތުހުމަތުކޮށްފައެވެ. ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވި ރައުދާގެ މައްސަލަ ތަހްގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން، އެގައުމުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ، އެ މައްސަލަ ރައުދާގެ ބައްޕަ ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ.

އާތިފްގެ ވަކީލް، އެމްޑީ ނޫރުލް އިސްލާމް ސަރްކަރްއާ ހަވާލައިދީ ބޭރުގެ މީޑީއާތަކުން ބުނީ ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން ކޯޓުން އަންގާފައިވަނީ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) ރޭންކުގެ ފުލުހަކާ ހަވާލުކޮށްގެންކަމަށެވެ.