English Edition
Dhivehi Edition

ފްރީޑައިވް ކުރަނިކޮށް ގެއްލުނު ސައުތު ކޮރެއާއަށް ނިސްބަތްވާ ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް އެމީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ފަރުކޮޅުފުށީގެ ހުޅަނގުއުތުރު ފަރާތަށް މޫދަށް އެރި، ފްރީޑައިވްކުރަން ދިޔަ 49 އަހަރުގެ މީހާ ގެއްލިގެން އެކަމުގެ މައުލޫމާތު ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:05 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށް އެމީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނުނީ މިއަދު 11:50 ހާއިރު ކަމަށެވެ.

އޭނާ ފެނުނީ ކ. ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން ކަމަށާއި ފެނުނުއިރު ހަށިގަނޑު އޮތީ ކަނޑުގެ 30 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑުގެ ޑައިވަރުން އެމީހާގެ ހަށިގަނޑު މިއަދު 12:21 ހާއިރު މާލެއަށް ގެނެސް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ.