English Edition
Dhivehi Edition
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީގެ ސައްހަ ލިސްޓް ހާމަކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ލިސްޓް އާންމުކުރުމަށް ގޮވާލައްވަމުން އާދަމް ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މި ވެރިކަމުގައި ކޮރަޕްޝަން ވީ ގިނަ ކަމަށާއި ގެއްލުނު ފައިސާ ވެސް މި ސަރުކާރަށް ނުހޯދުނުކަމަށެވެ. އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ބުނި މީހުން ވެރިކަމަށް އައުމުން، ކޮރަޕްޝަން ވީ ގިނަ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ހާމަކުރަން ބުނި ލިސްޓް އަވަހަށް ހާމަކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަށް ގޮވާލައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ ލިސްޓް ހާމަ ނުކުރަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ސައްހަ ލިސްޓް ހާމަ ނުކުރަނީ އެމްޑީޕީގެ ދެ ފެކްޝަންގެ މީހުން ވެސް އެ ލިސްޓްގައި ހިމެނޭތީތޯ ސުވާލު ކުރައްވައިފައެވެ. އިތުރަށް އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ސައްހަ ލިސްޓް ހާމަ ކުރާ ވާހަކަ އަކީ އެމްޑީޕީގެ ދެ ފެކްޝަނުންވެސް، އިންތިހާބުތަށް ކާމިޔާބު ކުރުމަށް ބޭނުންކުރާ ސްލޯގަން އަކަށް ހަދާފައިވާ ކަމަށެވެ.