English Edition
Dhivehi Edition

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް އަރުވައިފިއެވެ.

ޝާހިދަށް އެ ޢިއްޒަތް އަރުވާފައި ވަނީ ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޝާހިދަށް އެ ޢިއްޒަތް އަރުވާފައިވަނީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

އެ އިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއް ނެރުއްވާފައެވެ. މިއީ އދ. އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އިއްޒަތެއްކަމަށް ގުއާޓަމާލާ ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އަކީ 1973 އިން ފެށިގެން އެ ޤައުމުން ދެމުން އަންނަ ޢިއްޒަތެކެވެ. އެ ޢިއްޒަތް އެ ޤައުމުން އަރުވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ.