English Edition
Dhivehi Edition

އޮސްޓްރޭލިޔާގެ ސަފީރުގެ ޚިދުމަތްތަކަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

އެ މަނިކުފާނު ޝުކުރު އަދާކުރެއްވީ އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ސަފީރުގެ ދަޢުރުގައި ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އޮސްޓްރޭލިޔާއަކީ ވަރަށް ކުރިންސުރެ ރާއްޖެއާ ގާތްގުޅުމެއް އޮންނަ އެކުވެރި ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެއްވި އެހީތެރިކަމާއި އަދި ޚާއްޞަކޮށް ސަފީރުގެ ފަރާތުން މެދުކެނޑުމެއްނެތި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އޮސްޓްރޭލިޔާގެ ސަފީރު ވަނީ ދެޤައުމުގެ މެދުގައި އެއްބާލުންދެމުން އަންނަ ބައެއް ދާއިރާތައްކަމުގައިވާ، މަތީ ތަޢުލީމުގެ ދާއިރާއާއި މީހުން ބިނާކުރުމުގެ ދާއިރާއާއި ދިފާއީ އަދި ސަލާމަތީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އަދި މީގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތަކާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ދެ ބޭފުޅުން ވަނީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުންނާއި ޑްރަގް ރިހެބިލިޓޭޝަންފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ބައެއް ދާއިރާތަކުން މުސްތަޤުބަލުގައި ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޮސްޓްރޭލިޔާގެ ސަފީރުގެ ޚިދުމަތަކަށް ޝުކުރު އަދާކުރައްވައި ކުރިމަގުގައި އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.