English Edition
Dhivehi Edition

ހޮސްޕިޓަލުގެ ތަރައްޤީ އަށާއި މީހުން ބިނާކުރުމަށާއި ތަމްރީނު ކުރުމަށް އައި.ޖީ.އެމް.އެޗް އާއި ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެމް.އޯ.ޔޫގެ ދަށުން އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަރޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި ވޯލްޑައިވްސްގެ ފަރާތުން GGHC ރާއްޖޭގެ ރެޕްރެޒެންޓޭޓިވްގެ އެއްބާރުލުން ލިބިގެންދާނެއެވެ.

އެކި ބަލިތަކަށް ފަރުވާދޭ ހާއްޞަ މަރުކަޒުތައް ޤާއިމް ކުރެވިފައިވާ މި ހޮސްޕިޓަލް ޗެއިންގައި އައި.ޖީ.އެމް.އެޗްއަށް ތަފާތުއެކި ދާއިރާތަކުން އޮބްޒާވަރޝިޕް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ވަކިން ހާއްޞަކޮށް ގޭސްޓްރޮސައިންސްއާއި ނިއުރޯސާރޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އައި.ޖީ.އެމް.އެޗްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެމް އޯ ޔޫގެ ދަށުން އައި.ޖީ.އެމް.އެޗް އިން ޚިދުމަތް ނުލިބޭ ދާއިރާތަކަށް ހާއްޞަ ޑޮކްޓަރުން އައި.ޖީ.އެމް.އެޗް ގައި ބަލިމީހުންބެލުމާއި ސާރޖަރީކުރަން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނޭހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ އައި.އެޗް.އެޗް ހެލްތުކެއަރގެ ދަށުން ހިންގޭ ހޮސްޕިޓަލުތަކެކެވެ. މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ މި ގުރޫޕުގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ. ތުރުކީ އަދި އިންޑިއާގައި ވަނީ ޤާއިމްކޮށްފައެވެ. ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ ދުނިއޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދެވޭ ހޮސްޕިޓަލްތަކެކެވެ.

މި އެމްއޯޔޫގެ އެންމެ މުހިންމު މަޤްސަދަކީ އައި.ޖީ.އެމް.އެޗް އިން ދެވޭ ފަރުވާއަކީ ޒަމާނީ އަދި އެންމެފުރިހަމަ ފަރުވާކަމުގައި ކަށަވަރުކުރުމެވެ.