English Edition
Dhivehi Edition

ނޫސްވެރިންގެ އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށް ޚަބަރު ފެތުރުމަށް ސަމާލުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، “އަމިއްލައަށް މަރުވުމާއި، ޓެރެރިޒަމާއި، މާރާމާރީއާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޖަރީމާތަކާއި ކުރާ ކުށްތަކާބެހޭ މަޢުލޫމާތު ޝާއިޢުކުރާއިރު، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެކަންކަމުގެ މަޢުލޫމާތު ޝާއިޢުކުރުމުން ދުރުހެލިވާނެއެވެ.” މިފަދައިން ކަމަށެވެ.

ނޫސްވެރިންގެ އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށް ޚަބަރު ފެތުރުމަށް ސަމާލުވެ، ޚަބަރު ރައްދުވާ ފަރާތްތަކުގެ ކަރާމާތް ހިފަހައްޓައި، އެފަރާތްތަކުގެ ޒާތީ ކަންކަމަށް އިޙުތިރާމްކުރުމާއެކު، ޚަބަރު ގެނެސްދިނުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ފަރާތްތަކާ ދޭތެރޭ ހަމްދަރުދީވުމަކީ، މިފަދަ ހާލަތުތަކުގައި ބައިނަލްއަޤްވާމީ ގޮތުންވެސް އަމަލުކުރެވޭ އެންމެ ރަނގަޅު މިންގަނޑުތައް ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ވަނީ އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ކަވަރުކުރުމާއި ގެނެސްދިނުމުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ވެސް ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސް ކޮށްފައެވެ.

މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނީ މިފަދަ ޚަބަރާއި މައުލޫމާތުތަކަކީ، އެ މައުލޫމާތު ގެނެސްދެވޭގޮތުން، އެހެން މީހުންނަށް އެފަދަ އަމަލުކުރުމަށް ހިތްވަރު ލިބިދާނެ، އަދި ޝައުގުވެރިކުރުވަފާނެ ފަދައިން މައުލޫމާތު ގެނެސްދެވިދާނެ ދާއިރާއަކަށްވާތީ އެކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އެހެންކަމުން، ޚާއްސަގޮތެއްގައި އެފަދަ ޚަބަރެއްގައި ކުޑަކުދިންގެ މައުލޫމާތު ހިމެނޭނަމަ، ކަމާގުޅޭ އެންމެހައި ޤާނޫނުތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެކުދިންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް މައުލޫމާތެއް ޝާއިޢުކުރުމަކީ އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމްއެމްސީން ބުނެފައިވެއެވެ.

އެހެންކަމުން، އެފަދަ ކަންކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރާއިރު އެކުދިންގެ ކަރާމަތާއި ޙައްޤުތައް ހިމާޔަތްކުރުމަށް އިސްކަންދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެ ކުދިންގެ އައިޑެންޓިޓީ ހާމަވެދާނެފަދަ އެއްވެސް މަޢުލޫމާތެއް މީޑިއާގައި ބޭނުންނުކުރުމަށް ސަމާލުކަންދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.