English Edition
Dhivehi Edition
ކުރީގެ ހޯމް މިނިސްޓަރ، ޢުމަރު ނަސީރު

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ގޯހަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކުރާ މީހުން އަތޮޅުތަކުގެ ރަށްރަށަށް އަރުވާލުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށް އުމަރު އިސްނަގައިގެން ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި، އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުން މިހާވަރަށް ފެއިލްވެފައިވާ ސަބަބުތަކާމެދު ވިސްނާލުން މުހިއްމު ކަމަށެވެ. މި ގޮތުން އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި އެތައް ބަޔަކަށް އަދަބެއްގެ ގޮތުން ރާއްޖޭގެ ކުދިކުދި ރަށްރަށަށް އަރުވާލުމުގެ ސަބަބުން އެ ރަށްރަށުގައި ތިބި އެތައް ބަޔަކު އެ ވަބާގައި ޖެހި، ޖީލެއް ހަލާކުވެފައިވާކަމަށެވެ.

މީގެ 30 ވަރަކަށް އަހަރު ކުރިން ޑްރަގް ބޭނުން ކުރި މީހުން ރަށްރަށަށް އަރުވާލުމަކީ ހެދުނު އެންމެ ބޮޑު ގޯސްކަން ފާހަގަކޮށް އުމަރު ވިދާޅުވީ އެ ވާހަކަ އޭރު ތިބި އިސްވެރިންގެ ސަމާލުކަމަށްވެސް ގެންނެވި ކަމަށެވެ. އަދި އޭގެ ފަސް ވަރަކަށް އަހަރު ފަހުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުކުމް ކުރާ މީހުން ޖަލަށް ލާން ނިންމިކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިތިބި 23،000 މީހުން ރާއްޖޭގައި އެބަތިބިކަމަށާއި ވަބާގައި ޖެހިފައިތިބޭ މީހުން އަލުން މުޖުތަމައަށް ނެރުމަށް ސަރުކާރުތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށެވެ. ޑްރަގް ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކޮށް އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެންމެ އެކަށޭނެ ފިޔަވަޅު އެއްވެސް ސަރުކާރަކަށް އެޅިފައިނުވާ ކަމަށެވެ. އަދި މިހާރު މައްސަލަ އޮތް ހާލަތުގެ ޒިންމާ ހުރިހާ ސަރުކާރަކުން ވެސް ނަގަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.