ޕީޕީއެމާ އަލަށް ގުޅޭ ކޮންމެ މީހަކަށްވެސް ޕާޓީން މަރުހަބާ ކިޔުމަށް އެޕާޓީގެ ސްޕޯކްސް ޕާސަން އަދި ކެލާދާއިރާގެ މެންބަރު އަލީ އާރިފް އެދިވަޑައިގެންފިއެވެ.
އޭނާ މިކަމަށް އެދިވަޑައިގެންނެވީ ފޭދޫގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިސްމީހުންނާ ރޭ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އަލަށް އަނަން މީހަކާ ހިތްހަމަޖެހުނަސް ނުޖެހުނަސް އަދި ލައިކުވިޔަސް ނުވިޔަސް އެމީހަކަށް ޕާޓީން މަރުހަބާ ކިޔަންޖެހޭ ކަމަށެވެ.
އެ ގޮތަށް ހެދުމުގެ ބޭނުމަކީ ޕާޓީއަށް މީހުން އިތުރުކޮށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމެވެ. ރާއްޖޭގެ ގާނޫނު އަސާސީގެ ސަތޭކަ އެގާރަވަނަ މާއްދާގެ ހާގައި ބުނަނީ ރައީސަކު އިންތިޚާބު ކުރުމަށްޓަކައި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން ފަންސާސް ޕަސެންޓާއި އިތުރު އެކެއްގެ ވޯޓުބޭނުންވާނެ ކަމަށެވެ.
“މިގާނޫނު އަސާސީ އައިފަހުން ފާއިތުވި ދެ އިންތިޚާބަށް ބަލާއިރު ދެހާސް އަށެއްގައި ރައީސް ނަޝީދަކަށްވެސް އެއްކަލަ ފަންސާސް ޕަސެންޓާއި އިތުރު އެއްވޯޓެއް ނުލިބުނު. އެހެންވީމާ ދާންޖެހުނީ ދެވަނަބުރަކަށް. ރައީސް ޔާމީންގެ އިންތިޚާބުގައިވެސްވީ އެހެން. އަޅުގަނޑުގެ އާދޭހަކީ ނަސޭހަތަކީ އިލްތިމާސަކީ އަޅުގަނޑުމެންގެ ތެރެއިން ފަންސާ ޕަސެންޓާއި އިތުރު އެއްވޯޓެއް ހަމައެއްނުވިއޭ މިދިޔަފަހަރަކު، އެހެންވީމާ އެހަމަ ކުރުމަށްޓަކައި ކޮންމެ މީހަކު އަޔަސް އަޅުގަނޑުމެން މަރުހަބާ ކިޔަމާ ހިނގާށޭ،” އަލީ އާރިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގައި ތިބޭނީ ޕާޓީގެ ފިކުރުގެ މީހުންކަމަށެވެ. އެހެންވީމާ ޕީޕީއެމް ވާންޖެހޭނީ އެންމެނަށްވެސް މަރުހަބާކިޔާ ޕާޓީއަކަށް ކަމަށެވެ. “ދޭދޭ މީހުންގެ ދެމެދުގައިހުންނަ ކުދިކުދި ކަންތައްތަކާއި ޚިޔާލު ތަފާތުވުންތައް މުޅި އައްޑުއާއި ރާއްޖޭގެ ތަރައްގީއަށްޓަކައި، ރައީސް ޔާމީން ހޮވުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރެއަށް ނުވައްދާށޭ، ވައްދައިފިއްޔާ އެއީ ވަރަށްބޮޑު ދެރައެއް،” އޭނާ ވިދާޅުވިއެވެ.