English Edition
Dhivehi Edition
އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް - ފޮޓޯ: ޕީ.އެސް.އެމް ނިއުސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނިން މަސައްކަތް ކުރާ ތިން އެއަރޕޯޓުގެ ތެރެއިން ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތުގެ ގާތްގަނޑަކަށް 80 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން އެއަރޕޯޓަށް ބޭނުންވާ ރަންވޭގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޓަރމިނަލާއި، ފަޔަރ ބިލްޑިންގގެ ފިނިޝިންގެ މަސައްކަތްކަން އާޒިމް ފާހަގަކުރެއްވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ދިގުލައިގެންދިޔައީ މަސައްކަތަށް ބޭނުންވާ ސާމާނު ގެނައުމުގައި އިދާރީގޮތުން ކުރިމަތިވި ދަތިތަކެއްގެ ސަބަބުންކަމަށާއި، އެހެންނަމަވެސް މިހާރު އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީން މިވަގުތު އަންނަނީ ސަރުކާރުން އެކުންފުންޏާއި ޙަވާލުކޮށްފައިވާ 3 އެއަރޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ރ. އަލިފުށީ އެއަރޕޯޓާއި، މ. މުލީ އެއަރޕޯޓުގެ އިތުރުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތެވެ. މި 03 އެއަރޕޯޓަކީވެސް އެތެރޭގެ އުނދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރަމުންދާ އެއަރޕޯޓުތަކެކެވެ.

“މި 03 އެއަރޕޯޓުވެސް އިރާދަކުރެއްވިއްޔާ ރައީސްގެ މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމާ ރައްޔިތުންނަށް ހިދުމަތް ލިބޭ ވަރަށް މަސައްކަތްކުރާނަން” އާޒިމް ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރިއަށްދާ 03 އެއަރޕޯޓުގެ އިތުރުން، އިތުރު އެއަރޕޯޓެއްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރިޔަސް، އެކަން ކުރެވޭނެ ކެޕޭސިޓީ އެމް.ޓީ.ސީ.ސީގައި އެބަހުރިކަމަށް އާޒިމް ވިދާޅުވިއެވެ.