English Edition
Dhivehi Edition

ގދ. ކާޑެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 53 އިންސައްތަ ނިމިފައިވާކަމަށް އެމަޝްރޫއުގެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެގޮތުން މިހާރު އެސަރަހައްދުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓާއި ބަނދަރު ބައްތީގެ ޕޯސްޓުތައް ސައިޓަށް ގެންދެވިފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. ކާޑެއްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކާޑެއްދޫގައި ތަރައްގީކުރާ ބަނދަރުގެ މަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ.

ކާޑެއްދޫ އެއަރޕޯޓަކީ މީގެ 28 އަހަރުކުރިން ސަރުކާރުން ތަރައްޤީކުރި އެއަރޕޯޓެކެވެ. އެއަރޕޯޓާއެކު ތަރައްގީކުރި ބަނދަރު އޭގެފަހުން އަލުން ތަރައްޤީކޮށް މަރާމާތު ކޮށްފައިވާކަން އެނގޭކަށް ނެތެވެ. މި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް މި އަހަރު ކުރީ ކޮޅު ވަނީ ވެއްޓިފައެވެ. އޭގެ ސަބަބުން އެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާވަނީ ކުރިމަތިލާންޖެހިފައެވެ.

ދެކުނުގެ އެންމެ މުހިންމު އެއް އެއަރޕޯޓު އޮންނަ ގދ. ކާޑެއްދޫގެ ބަނދަރަކީ ކޮންމެ ދުވަހަކުވެސް އެތައް ރައްޔިތުންތަކެއް ޚިދުމަށް ހޯދަމުން އަންނަ ބަނދަރެކެވެ.