މާލެއިން ދެކުނުގެ އަތޮޅެއްގައި ފުރަތަމަ ފަހަރަށް ސިއްޙީ މަރުކަޒެއްގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ގާއިމްވެ ތިބެ ބަލިމީހުންނަށް ފަރުވާދިނުމުގެ ޚިދުމަތްދޭން ފަށަން ތައްޔާރުވެފައިވާކަމަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އެގޮތުން މާދަމާއިން ފެށިގެން، ގދ. ގައްދޫއަށް އަލަށް ގެނެވުނު އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން އިތުރު މެޑިކަލް އޮފިސަރުވެސް ބަލިމީހުން ބައްލަވާނެއެވެ. އެ ޑޮކްޓަރުންތައް ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެރަށަށް ގޮސްފައެވެ.
މި ތާރީޚީ ބަދަލާއެކު، 3500އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ގައްދޫގެ އިތުރުން އެސަރަހައްދުގެ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިދުމަތް ލިބިގަތުމުގައި ނުހަނު ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚިދުމަތް ހޯދުމަށްޓަކައި އަތޮޅުގެ މައި ހޮސްޕިޓަލަށް ކުރަންޖެހޭ ދަތުރުގެ ޚަރަދާއި ވަގުތު، ބޮޑުތަން ކުޑަވެގެންދާނެއެވެ.
މިވަގުތު 01 މެޑިކަލް އޮފިސަރުންނާއެކު 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ގދ. ގައްދޫ ސިއްހީ މަރުކަޒަކީ 09 އޮކްޓޯބަރ 2018ގައި މިނިސްޓްރީ އޮފް ހެލްތުން ގިންތި ކޮށްފައިވާ ލެވެލް 04 ގެ ސިއްހީ މަރުކަޒެކެވެ. އާންމު ގިނަ ބަލިތައް ތަހުލީލުކުރުމަށް ބޭނުންވާ ލެބޯޓްރީ ޓެސްޓްތައް ގައްދޫގައި ތިބެގެން ހެދުމުގެ ފުރުސަތު ފަހިވެފައިވާ އިރު، އެރަށުން ހެދެން ނެތް ޓެސްޓްތަކުގެ ސާމްޕަލްތައް އެ އަޔޮޅުގެ ވެރިކަންކުރާ ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވައިގެން އެޓެސްޓްތައްވެސް ހެދޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.
01 މާރޗް 2022ގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެކުލަވާލި ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުގެ ދަށުން ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިންގަން ފެށިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެއަތޮޅުގެ ސިއްހީ ނިޒާމަށް ފާހަގަކުރެވޭ ބޮޑެތި ބަދަލުތަކެއް ވަނީ އަންނަން ފަށާފައެވެ. ގަވަރނިންގ ބޯޑާއި ހޮސްޕިޓަލް ހިންގުމަށް ހަވާލުވި އިރު އެކި ސަބަބުތަކާއި ހުރެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން މަދުވުމުގެ މައްސަލަ ކުރިމަތިވެ، އެހޮސްޕިޓަލުގެ އިތުރުން އެ އަތޮޅުގެ ބައެއް ސިއްހީ މަރުކަޒުތައްވެސް ހިންގުމަށް ނުހަނު ގިނަ ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަށް އެހޮސްޕިޓަލުން ފާހަގަކުރެއެވެ.
“އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށްވީ ޑޮކްޓަރުންގެ އެކި ޑިޕަރޓްމަންޓްތަކުން މަދުވާ ޑޮކްޓަރުންގެ އަދަދު ހަމަކޮށް ޚިދުމަތަށް ނެރުން. އެމަސައްކަތް ކުރިއަށް ގެންދިޔައީ ވަކި ޓައިމް ލައިނެއް ކަނޑައަޅައިގެން. ކުރެވުނު ގިނަ މަސައްކަތުން މިހާރު މިވަނީ އެޓަރގެޓްގެ 90 އިންސައްތަ ހާސިލުކުރެވިފައި. ގައްދޫއަށް މިއަދު މި ގެނެވުނު ޑޮކްޓަރުންނަކީވެސް މިދެންނެވި މަގުން ކުރެވުނު މަސައްކަތްތަކުގެ ނަތީއްޖާ. ކުރިއަށް އޮތްތަނުގައި މިޚިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް މަސައްކަތްތައް ކުރެވިގެން ދާނެ” ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ.އީ.އޯ އަބްދުލް އަޒީޒް ރިފާއު ވިދާޅުވިއެވެ.
ރައްޔިތުންނާއި ގާތުން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. ގައްދޫ ހިމެނޭހެން ރާއްޖޭގެ ފަސް ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ނިންމައި އެތަންތަން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ގާއިމްކުރަންޖެހޭ އިމާރާތްތައް ޑިޒައިންކޮށް ބި.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ.