English Edition
Dhivehi Edition

ރާއްޖެއިން ޙައްޖުވެރިން ދަތުރުކުރާ ފުރަތަމަ ފްލައިޓް މި މަހު 26 ވަނަ ދުވަހުގެ ރޭ ފުރުމަށް ހަމަޖެހިފައިވާއިރު، ޙައްޖަށްދާ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ޙައްޖު ކޯޕަރޭޝަނުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީންނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބައިވެރިވެޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ޙައްޖުވެރިންނަށް ފްލައިޓްތައް އޮންނަ ގަޑިތަކަށް ފަސޭހައިން އެއަރޕޯޓާހަމައަށް ދިއުމުގައި ޢަމަލުކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ޙައްޖުވެރިންނަށް މާލެތެރެއިން ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމާއި، ޙައްޖުވެރިންނަށް ޓްރާންސްޕޯޓް ހަމަޖެއްސުމާއި، ޙައްޖުވެރިން އެއަރޕޯޓުގެ ތެރޭގައި ތިބޭ ވަގުތު އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި ޙައްޖުވެރިންގެ އެހީތެރިން މި ދަތުރުތަކުގައި ބައިވެރިކުރާނެ ގޮތްތަކާމެދުވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

މީގެ އިތުރުން މިދުވަސްވަރު މޫސުމަށް އަތުވެދާނެ ބަދަލަކަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ މި ހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި، ޖުލައި މަހުގެ 2 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.