English Edition
Dhivehi Edition

ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ބިލު ހުށަހެޅުއްވީ އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމެވެ.

އުޝާމް ހުށަހެޅުއްވި ބިލުގައި ސިޔާސީ ޕާޓީގެ ގާނޫނުގައި ހިމެނޭ ބައެއް ކަންކަން އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާއިރު، 10,000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަކީ ހަމަޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމްއެންޕީން ދެކޭތީ އެކަން އިސްލާހު ކުރުމަށް ވެސް ވަނީ އެ ބިލުގައި ހުށަހަޅާފައެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރެއް އިލެކްޝަންސް ކޮމިޝަނުން ބެލެހެއްޓުމުގެ ބަދަލުގައި އެކަމަކީ ޑިމޮކްރެޓިކް އެހެނިހެން ގައުމުތަކުގައި ވެސް ސިޔާސީ ޕާޓީތަކުން ކުރަމުންދާ ކަމެއް ކަމަށް ފާހަގަކޮށް އެކަން އިސްލާހު ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް އެ ޕާޓީން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުތައް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބެލެހެއްޓޭނެ ކަމަށާއި އެ އިސްލާހުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދެކޭ ކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ.