English Edition
Dhivehi Edition

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގާ ސްކޫލް ރިވިއު ޕްރޮގްރާމުގެ ދަށުން މި އަހަރު މިހާތަނަށް 80 ސުކޫލު ރިވިއުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ކޮންމެ ސްކޫލަކީ ޤާބިލު މުވައްޒަފުން ތިބި، ވަސީލަތްތައް ހަމަ، މާލީގޮތުން ފުދުންތެރި އަދި އުނގެނުމަށް މަގުފަހި އުފާވެރި މާހައުލެއް ލިބިގެންވާ ސްކޫލަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ޙާޞިލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުރިނެތްގޮތް ބެލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ކުރިއަށް ގެންދާ މި ޕްރޮގްރާމު ބާރު ސްޕީޑެއްގައި ކުރިއަށް ދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގެ ފަރާތުން 3 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކެއް ރިވިއުކޮށް ނިންމަން ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް، 2016 ވަނަ އަހަރާއި މިހިނގާ 2017 ވަނަ އަހަރު ޖުމުލަ 145 ސުކޫލު ރިވިއުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން ހާމަކުރައްވާގޮތުގައި ސުކޫލުތައް ރިވިއުކުރުމުގައި ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ސްކޫލުގެ ހިންގުންތެރިކަމާއި ސްކޫލަށް ލިބިފައިވާ ވަޞީލަތްތަކާއި އެ ވަޞީލަތްތައް ބޭނުންކުރަމުންދާ ގޮތް އަދި ސްކޫލާއި ސްކޫލު ހިއްސާވާ ފަރާތްތަކުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ބަލައި ސުކޫލުގެ ހާލަތު ވަޒަންކުރެވެއެވެ. މިކަމަށްޓަކައި ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދާގޮތާއި ސްކޫލުގެ ލިޔެކިޔުންތައް ބަލައި ދިރާސާކުރުމާއި ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދައެވެ. އަދި މި މަޢުލޫމާތުގެ އަލީގައި ސުކޫލުގެ ހާލަތު ވަޒަންކޮށް ލިޔާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އިޞްލާޙުކުރަންޖެހޭ ކަންތައް ފާހަގަކޮށް ފިޔަވަޅުތައް އަޅަމުން ގެންދެވެއެވެ.

ރާއްޖޭގެ ސުކޫލުތަކަކީ ވަސީލަތް ހަމަ، މަގުބޫލު ސުކޫލުތަކަކަށް ހެދެވުމަށްޓަކައި، އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ 2014 ވަނަ އަހަރު، ސުކޫލު އިމްޕްރޫވްމަންޓު ކޮލިޓީ އެޝުއަރެންސް އެކައުންޓަބިލިޓީ ފުރޭމް ވޯކް (ސިޤާފު) އެކުލަވައިލާފައެވެ. މި ފުރޭމްވޯކުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށްވާ “ސުކޫލް ސެލްފު އިވެލުއޭޝަން” ހަދާ، ކޮންމެ ސުކޫލަކުން އެސުކޫލެއްގެ ހާލަތު ވަޒަންކޮށް، ސުކޫލު އިމްޕްރޫވްމަންޓު ޕްލޭން ހަދައި، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.