English Edition
Dhivehi Edition

އެމްއެންޕީގެ ޔޫތު ވިންގގެ ފަރާތުން މޯލްޑިވްސް ޔުނިފައިޑް ގޭމިންގއާ ގުޅިގެން ބާއްވާ ފީފާ ޑަބަލްސް މުބާރާތް (2vs2) 400 އަށްވުރެ ގިނަ ބައިވެރިންނާއެކު މިއަދު ފަށައިފިއެވެ. މިމުބާރާތް ކުރިޔަށް ދާނީ އެމްއެންޕީ ޖަގަހަ (ގ. ޕޫލް ޑްރީމް، ސިއްތިމާވާ ހިނގުން) ގައި ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެންނެވެ. 200 ޓީމު ބައިވެރިވެފައިވާ މިމުބާރާތުގެ އިނާމުގެ ގޮތުގައި ޖުމްލަ 20،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

އެއީ 1 ވަނައަށް – 8،000 ރުފިޔާ، 2 ވަނައަށް – 5،000 ރުފިޔާ، 3 ވަނައަށް – 3،000 ރުފިޔާ، 4 ވަަނައަށް – 1،000 ރުފިޔާ އަދި 5 ވަނައިން 8 ވަނައަށް ކޮންމެ ޓީމަކަށް 500 ރުފިޔާ އެވެ. އަދި އެންމެ ގިނަ ލަނޑު ޖަހާ ޓީމަކަށް 1،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްއެންޕީގެ ނާއިބު ރައީސް ޙުސައިން އިސްމާޢީލް ވިދާޅުވީ މިމުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ގޭމިންގ މުބާރާތް ކަމަށެވެ. އަދި އެމްއެންޕީއަކީ ޒުވާނުންގެ އިހުސާސުތައް ދަންނަ ޕާޓީއެއް ކަމަށާއި އަބަދުވެސް އެމްއެންޕީ ތިބޭނީ ޒުވާނުންނާއެކު ކަމުގައެވެ.

އެމްއެންޕީ ޔޫތު ވިންގގެ ލީޑަރ އުމައިރު އަޙްމަދު ވިދާޅުވީ އެމްއެންޕީން ގޭމިންގ އަދި އީ-ސްޕޯޓްސް ކުރިއަރުވަން ބޭނުންވާ ކަމަށާއި އެހެން ގޭމްތައް ހިމެނޭހެން މިފަދަ އިތުރު މުބާރާތްތައް ކުރިޔަށް އޮތް ތަނުގައި އިންތިޒާމު ކުރާނެ ކަމުގައެވެ، އަދި ޔޫތު ވިންގގެ ލީޑަރ އުމައިރު ވަނީ މިމުބާރާތް އިންތިޒާމު ކުރުމުގައި އެމްއެންޕީގެ ޒުވާން މެންބަރުން ދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

އެމްއެންޕީ ޔޫތު ވިންގގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މިމުބާރާތުގެ ކުޅުން 12 ޖޫން (އާދީއްތަ) އާ ހަމައަށް ކުރިޔަށް ދާނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އެދުވަހުގެރޭ 21:00 ގައެވެ.