English Edition
Dhivehi Edition

ފަރެސްމާތޮޑާ އެއަރޕޯޓު މަޝްރުއުގެ 55 އިންސައްތަ ނިމިފައިވާކަމަށް އެމަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެގޮތުން ފަޔަރ ބިލްޑިންގ މަސައްކަތުގެ 87 އިންސައްތަ އަދި ރަންވޭ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިއެއަރޕޯޓް މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރި ނަމަވެސް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ މަސައްކަތް ލަސްވެފައިވާކަން އެމްޓީސީސީން ފާހަގަކުރައްވައެވެ.

އަދި ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް އަންނަ މިނިވަން ދުވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށީ ނިމުނު އަހަރު ކުރީކޮޅުއެވެ. މަޝްރުޢުގެ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން އެއަރޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތުން ފެށިގެން އެއަރޕޯޓްގެ ޓަރމިނަލްގެ ގިނަ މަސައްކަތްތައްވެސް މިހާރު ވަނީ ނިމިފައެވެ.

ރަންވޭގެ ތާރުއެޅުމުގެ މަސައްކަތްތައް މި ޖޫން މަސް ތެރޭގައި މުޅިން ނިންމާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅާލާ ކޯޒްވޭގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ރަށާއި އެއަރޕޯޓާއި ދެމެދު ގާތްގަނޑަކަށް 800މީޓަރު ހުންނާނެއެވެ. އެމްޓީސީސީން މިހާރު މިވަނީ ކޯޒްވޭގެ ޢަމަލީ މަސައްކަތްތައް ފަށާފައެވެ. ކޯޒްވޭ ހެދުމަށް 19200 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. ރަންވޭއަކީ 1200 މީޓަރުގެ ދިގު ރަންވޭއެކެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލްވެސް ތަރައްޤީކުރަނީ ތަފާތު ސްޓްރަކްޗަރއަކަށެވެ. މިއީ ޕްރީ ފެބްރިކޭޓެޑް އިމާރާތަކެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.