English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިންތިޚާބު ބާއްވާ ތާރީޚު އެޕާޓީން އިޢުލާންކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ސްޕޯކސް ޕާރސަން އަސްރާ އަހްމަދު ވިދާޅުވީ އެ ޕާޓީގެ ކައުންސިލް އިންތިޚާބު އަންނަ އޯގަސްޓް މަހުގެ ހައެއްގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މަގާމުތަކަށް ކުރިމަތިލުމުުގެ ފުރުސަތު ވެސް ހުުޅުވާލާފައިވާ ކަމަށެވެ.

އަސްރާ ވިދާޅުވީ އެޕާޓީގެ ރައީސްކަމުގެ މަގާމާއި ހަ ނާއިބު ރައީސުންނާއި އަންހެނުންގެ ގޮފީގެ ރައީސް އާއި ނާއިބު ރައީސް އާއި ޒުވާނުންގެ ގޮފީގެ ރައީސް އާއި ނާއިބު ރައީސް ކަމުގެ މަގާމާއި، ދާއިރާތަކުުގެ ރައީސުންނާއި ނާއިބު ރައީސުން ހިމެނޭ ގޮތަށް 185 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންތިޚާބު ކުރި ވަގުތީ ކައުންސިލަކާއެކު އެޕާޓީގައި ކުރިއަށްދާއިރު، އަސްރާ ވިދާޅުވީ މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި އެ ޕާޓީގެ އޮފީސް ގ. ޕޫލްޑްރީމުން ވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ.

މި ޖޫން މަހުގެ 27 ގެ ނިޔަލަށް މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވައިރު، ޝަރުތުތަކުގެ ތެރޭގައި އެޕާޓީގެ މެންބަރަކަށް ވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްް ކޮށްފައިވާ މީހަކު ކަމުުގައި ނުވުން ހިމެނެއެވެ. އަދި ޕާޓީގެ ސުލޫކީ އެއްވެސް މައްސަލައެއް ސާބިތުވެފައިނުވުން ވެސް ހިމެނެއެވެ.

އަސްރާ ވިދާޅުވީ މިމަހުގެ 27 އާ ހަމަައަށް އަލަށް އެ ޕާޓީއަށް ވަންނަ ފަރާތްތަކަށް ވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަން އިއުލާންކުރުމަށްފަހު ޖުލައި މަހުގެ ހަތަކުން ފެށިގެން ހުރިހާ ފަރާތްތަކަށް ކެމްޕެއިން ކުރުމަށް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ.

އެ ޕާޓީގެ އިލެކްޝަން ކޮމިޓީގެ މެންބަރު އިސްމާއީލް އިމްރާން ރުޝްދީ ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓެއްގެ ގޮތުގައި ބަލާނީ ޕާޓީގެ ދަފްތަރަށް ކަމަށެވެ. އަދި މި އިންތިޚާބު ބާއްވާނީ ވޯޓު ފޮށި ބަހައްޓައިގެން ވޯޓު ކަރުދާސް ބޭނުންކޮށްގެން ކަމަށެވެ.