English Edition
Dhivehi Edition

ރަނގަޅު ޢާއިލާއެއް ބިނާކުރަން އެދޭނަމަ، ކައިވެނި ކުރުމަށް ރަނގަޅު ބައިވެރިޔަކު އިޚްތިޔާރުކުރަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

“ހަރުދަނާ އާއިލާ އެއް ބިނާ ކުރުން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ބުނީ އިޚުތިޔާރުކުރެވޭ އަންހެންމީހާގެ ކިބައިގާ ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭ ފަދައިން، ފިރިމީހާގެ ކިބައިގައި ވެސް ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭ ކަމަށެވެ.

އެގޮތުން ދީންވެރި، އޯގާތެރި، ޚުލްގު ހެޔޮ މީހަކު، ހަޔާތުގެ ބައިވެރިއަކަށް ޚިޔާރުކޮށްފިނަމަ، އެމީހަކަށް ހިތްހަމަޖެހުމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. ތިބާގެ ދަރިޔަކާ ކައިވެނި ކުރުމަށް ދީންވެރި އަޚުލާގު ރަނގަޅު މީހަކު އެދިއްޖެނަމަ އެކަން ކޮށްދިނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ދީންވެރި ހުލްގު ހެޔޮމީހަކު ދެނެގަތުމަށްޓަކައި، އެމީހެއްގެ އާއިލާގެ މީހުންގެ އުޅުމަށް ބަލައިފިނަމަ، އެކަން ގިނަ ފަހަރަށް އެނގޭނެއެވެ. ނަމަވެސް ތިމާ ނުދަންނަ އަދި އެ މީހެއްގެ މައިންބަފައިންނާއި އާއިލާވެސް ނުދަންނަ މީހަކު، ހަޔާތުގެ ބައިވެރިއަކަށް އިހުތިޔާރުކޮށްފިނަމަ، ހިތި ތަޖުރިބާތަކަކާ ކުރިމަތިލާން ޖެހިފައިވަނީ މަދު ފަހަރަކު ނޫން ކަމަށެވެ.

ޚުތުބާގައި ބުނީ އަލަށް ޒަވާޖީ ހަޔާތެއް ފަށާ ކޮންމެ މީހަކު ކައިވެނިކުރުމުގެ ކުރިން އެކަމާބެހޭ ގޮތުން ޢާއިލާގެ ބޮޑެތި މީހުންނާއި އަދި ކަމުގެ ތަޖުރިބާ ހުރި ފަރާތްތަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

ދެމަފިރުން އެކަކު އަނެކެއްގެ ފަރާތުން ލިބެންވާ އުފަލާއި ހިތްހަމަޖެހުން ފުރިހަމައަށް ނުލިބުމަކީ ވެސް އާއިލާތައް ރޫޅި ވިއްސިވިހާލިވާ ސަބަބެއް ކަން ފާހަގަކޮށް ޚުތުބާގައި ވަނީ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ ދެމަފިރިންގެ ވާޖިބެއް ކަން ހަނދާންކޮށްދީ ހެޔޮގޮތުގައި ޢާއިލާ ބެލެހެއްޓުމަށް ވަސިއްޔަތްކޮށްފައެވެ.