English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ އާއި ފަރެސްމާތޮޑާ އެއަރޕޯޓް ގުޅާލާ ކޯސްވޭގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތާއި ކޯޒްވޭގެ މަސައްކަތަކީ ވަކިން ހަވާލުކޮށްފައިވާ ދެ މަޝްރޫއެވެ.

ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅާލާ ކޯޒްވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. ރަށާއި އެއަރޕޯޓާއި ދެމެދު ގާތްގަނޑަކަށް 800 މީޓަރު ހުންނާނެއެވެ. އެމްޓީސީސީން މިހާރު މިވަނީ ކޯޒްވޭގެ އަމަލީ މަސައްކަތްތައް ފަށާފައެވެ. ކޯޒްވޭ ހެދުމަށް 19200 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއުގެ ދަށުން ކޯޒްވޭ ތަރައްޤީކުރާނީ ކޯޒަވޭގެ ދަށުން އޮއެ ދެމޭގޮތަށް އެއަރޕޯޓްގެ މައި މަގުތަކާވެސް ގުޅޭގޮތަށެވެ. އެމްޓީސީސީން މީގެކުރިން ވިދާޅުވެފައި ވަނީ ކޯޒްވޭގެ މަސައްކަތްތައް މުޅިން ނިންމުމަށް ގާތްގަނޑަކަށް 07 މަސްދުވަހުގެ މުއްދަތެއް ހޭދަވާނެކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ކުރީކޮޅުގައި ފަށާފައިވާ އިރު، މަޝްރުއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއަރޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތުން ފެށިގެން އެއަރޕޯޓްގެ ޓަރމިނަލްގެ ގިނަ މަސައްކަތްތައް ވެސް މިހާރު ވަނީ ނިމިފައެވެ. އަދި ރަންވޭގެ ތާރުއެޅުމުގެ މަސައްކަތްތައް މި ޖޫން މަސް ތެރޭގައި މުޅިން ނިންމާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މިއީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.