English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމެއް، އިފްތިތާހުކޮށްފިއެވެ. މި ޕްލެޓްފޯމަށް ދީފައިވާ ނަމަކީ ‘ކައިންޑްލީ ބައި ބީއެމްއެލް” އެވެ.

މި ތައާރަފްކުރެވުނު އައު ޕްލެޓްފޯމަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

‘ކައިންޑްލީ ބައި ބީއެމްއެލް’ އަކީ ޖަމިއްޔާތަކުން ފަންޑްރެއިޒް ކެމްޕޭން ގާއިމްކޮށް ޖަމިއްޔާގެ ފަރާތުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފަސޭހައިން ބޭނުންކުރެވޭ ރައްކާތެރި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ ފަންޑްރެއިޒްކުރާ ފަރާތުގެ ގޮތުގައި ޖަމިއްޔާތަކަށް ގިނަ ކެމްޕޭންތަކެއް ހިންގައި، ފަސޭހައިން ރިޕޯޓުތައް ނެގޭގޮތަށް، އެހީގެ އަދަދު ވަގުތުން ބަލާލައި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ޕްރޮމޯޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށް އަދި މަދުވެގެން ދެއަހަރު ދުވަހު ހިންގާފައިވާ ޖަމިއްޔާތަކަށް ‘ކައިންޑްލީ ބައި ބީއެމްއެލް’ ގައި ރަޖިސްޓަރ ކުރެވޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ” ޖަމިއްޔާތަކުން ހިންގާ ކެމްޕޭނުތަކަށް އާންމުންނަށް ރައްކާތެރިކަމާއެކު ފައިސާ ހަދިޔާ ކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރެވޭ އޮންލައިން ފަންޑްރެއިޒިންގ ޕްލެޓްފޯމް ގާއިމްކޮށް އިފްތިތާހު ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް. މުޅި ދުނިޔޭގައިވެސް ކްރައުޑްފަންޑިންގ އަކީ މަގުބޫލުކަމެއް. ކައިންޑްލީގެ ހިޔާލުއައީ ފަންޑްރެއިޒްކުރާ ފަރާތްތަކާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް މުހިންމު އަދި އެންމެ ފަހުގެ ކެމްޕެއިންތަކަށް، ހެޔޮ އެދޭ ފަރާތްތަކުން ރައްކާތެރިކަމާއެކު އެހީދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި. އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ. އަދި ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އަޅުގަނޑުމެންގެ މި މުހިންމު ޕްލެޓްފޯމުގެ ޒަރިއްޔާއިން މަގުފަހިވާނެކަމަށް އުންމީދުކުރަން.”

ކައިންޑްލީއާ ގުޅޭ އިތުރު މައުލޫމާތު https://kindly.bankofmaldives.com.mv އިން ލިބޭނެއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:

  • އެޕްރީލް: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒި ތަރައްގީކުރުމަށް އެހީވުން
  • މާރިޗު: ސްމޯލް ގްރާންޓްސް
  • ފެބުރުވަރީ: ހައުސިންގ ގްރާންޓް
  • ޖަނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް
  • ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
  • ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު