English Edition
Dhivehi Edition
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) - ފޮޓޯ: މިހާރު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ޖޫން 12 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ މި ފުރުޞަތު އިތުރުކުރީ މި އެވޯޑްގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން 12 ޖޫން ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރުކޮށްފައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022”އަކީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، އެ ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، ބްރޯޑްކޮމްއިން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ “އުޞޫލު”ގައި ބަޔާންކޮށްފައިވާއިރު، މި އުސޫލު ކޮމިޝަނުގެ ވެބްސައިޓް broadcom.org.mv ލިބޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ އި)ން ދެމުންގެންދާ ނޫސްވެރިކަމުގެ އެވޯޑްގައި ވެސް ބްރޯޑްކާސްޓިންގެ ދާއިރާއަށް އަމާޒުކޮށް ވަކި ހާއްސަ އެވޯޑެއް ދަނީ ދެމުންނެވެ.